ދުނިޔޭގެ އެންމެ މަގުބޫލު އެއް މެގަޒިން ކަމަށްވާ 'ވޯގް' ގެ އެޑިޓަރަކު، ސެލޫނަކަށް ނުގޮސް ގޭގައި ހުރެގެން ނުވަދިހައިގެ އަހަރުތަކުގެ ސްޓައިލަށް އިސްތަށިގަނޑު ރީތިކޮށްލާނެ ގޮތުގެ ސިއްރުތައް އާންމުކޮށްފިއެވެ. މިއީ ފަސް ފިޔަވަޅެއްގެ މައްޗަށް އެކުލެވޭ، ވަރަށް ފަސޭހައިން އާންމު ދިރިއުޅުމުގައްޔާއި ހާއްސަ ހަފުލާތަކަށް ވެސް ތައްޔާރުވެލަން ބޭނުންކުރެވިދާނެ ފުރިހަމަ ރޫޓީންއެކެވެ.
މި ސްޓައިލް ހެދުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް އިސްތަށިގަނޑުގައި ހޫނުން ރައްކާތެރިކޮށްދޭ ސްޕްރޭއެއް ނުވަތަ ކްރީމެއް ލާން ޖެހެއެވެ. އޭގެ ފަހުން އިސްތަށިގަނޑު އޮމާންކުރުމަށް ކްރީމް ކޮޅެއް ލުމަށް ފަހު، ވަށް ބުރުހަކާއި ހެއާ ޑްރަޔަރެއް ބޭނުންކޮށްގެން އިސްތަށިގަނޑު ހިއްކަން ފަށާނީއެވެ.
މީގައި އެންމެ މުހިންމު އެއް ކަމަކީ އިސްތަށިގަނޑު އުފުލިފައި ނުވަތަ ވޮލިއުމް ހުންނަ ގޮތް ދެއްކުމަށްޓަކައި ބުރުސް ބޮލުގެ ހުރަހަށް ބާއްވައިގެން އިސްތަށުތަކުގެ މުލުން ފެށިގެން ނިއްކުރިއާ ދިމާލަށް ފުނާ އަޅާނީއެވެ. އަދި އިސްތަށިގަނޑުގެ ކޮޅު އެތެރެއަށް އަނބުރާލުމަށް ފަހު، ފިނި ވައިކޮޅެއް ޖައްސާލުމުން އެ ސްޓައިލް ގިނަ އިރަށް ހަލާކުނުވެ ހިފަހައްޓައިދޭނެ ކަމަށް އޭނާ ލަފާދެއެވެ.
އިސްތަށިގަނޑު އެއްކޮށް ހިއްކައި ނިމުމުން، އިނގިލިތަކުން ނުވަތަ ފުނަލަކުން މަޑުމަޑުން ރީތިކޮށްލާނީއެވެ. އަދި އިސްތަށިގަނޑު ވިދާ ގޮތަށް ބެހެއްޓުމަށްޓަކައި ލުއި ސްޕްރޭއެއް ބޭނުންކުރެވިދާނެއެވެ. މިއީ މެދު މިންވަރަކަށް ނުވަތަ ދިގުކޮށް އިސްތަށިގަނޑު ހުންނަ މީހުންނަށް އެންމެ ގުޅޭ، އަދި މިހާރު ވަރަށް ބޮޑަށް ޓްރެންޑުވަމުން އަންނަ އާ ސްޓައިލެކެވެ.
