ކޮލަޖަން ސަޕްލިމެންޓް ބޭނުންކުރުމުން ހަމުގެ އިލާސްޓިސިޓީ ނުވަތަ ދެމުމުގެ ބާރު އިތުރުކޮށްދީ، ހަންގަނޑު ތާޒާކޮށްދިން ނަމަވެސް، މޫނުގައި ރޫޖެހުން މުޅިން ހުއްޓުވައިނުދޭކަމަށް އައު ސައިންޓިފިކް ދިރާސާއަކުން ދައްކައިފިއެވެ.
އެންގްލިއާ ރަސްކިން ޔުނިވާސިޓީގެ ދިރާސާވެރިން ކުރިއަށްގެންދިޔަ މި ރިވިއުގައި 8،000 އެއްހާ މީހުން ބައިވެރިވި 113 ތަޖުރިބާއެއްގެ ނަތީޖާ ވަނީ ބަލާފައެވެ. މި ދިރާސާގެ ނަތީޖާ ދައްކާގޮތުން، ގަވާއިދުން ކޮލަޖަން ބޭނުންކުރުމަކީ ހަމުގެ ދިރުމަށާއި، ހުޅުހުޅުގައި ރިއްސުން ނުވަތަ އާތުރައިޓިސް ފަދަ ބަލިތަކަށް ލުޔެއް ލިބޭ ކަމެކެވެ. ނަމަވެސް، މިއީ ވަގުތުން ނަތީޖާ ފެންނަ "ކުއިކް ފިކްސް" އެއް ނޫންކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.
ކޮލަޖަން އަކީ އިންސާނާގެ ހަށިގަނޑުގައި ގުދުރަތީގޮތުން އުފެދޭ ޕްރޮޓީންއެކެވެ. މިއީ ހަމާއި، ނިޔަފައްޗާއި، ކަށި އަދި މަސްތައް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ނަމަވެސް، އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުން ކޮލަޖަން އުފައްދާ މިންވަރު މަދުވެ، ހަންގަނޑު ދޫވާން ފަށައެވެ. ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، އަވީގައި ގިނަވަގުތު އުޅުމަކީ ކޮލަޖަން މަދުވުން އަވަސްކޮށްދޭ ކަންކަމެވެ. މީގެ އިތުރުން، އަންހެނުން އިއްދައިން ވަކިވާ ދުވަސްވަރު ހަމުގެ ކޮލަޖަންގެ ތިންބައިކުޅަ އެއްބައި މަދުވާކަމަށް 'އެސްތެޓިކް ސާޖަރީ ޖާނަލް' ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ލީ ސްމިތު ވިދާޅުވީ، ކޮލަޖަން އަކީ ހުރިހާ ކަމަކަށް އޮތް ފަރުވާއެއް ނޫން ނަމަވެސް، ގަވާއިދުން ބޭނުންކުރުމުން ހަންގަނޑުގެ ތާޒާކަން ދަމަހައްޓައިދޭ ކަމަށެވެ. "މި ދިރާސާއިން އެނގުނު ގޮތުގައި، ކޮލަޖަންގެ ސަބަބުން ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދީ، ޒުވާންކަން އިތުރުކޮށްދޭ. އެކަމަކު މިއީ ހަމައެކަނި ރޫޖެހުމާ ދެކޮޅަށް ކުރާ ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ދިރުމަށް ކުރާ ކަމެއްގެ ގޮތުގައި ބެލުން މުހިންމު،" އޭނާ ވިދާޅުވިއެވެ.
ނިއުޓްރިޝަން ސައިންޓިސްޓެއް ކަމަށްވާ ބްރިޖެޓް ބެނެލަމް ވިދާޅުވި ގޮތުގައި، ސަޕްލިމެންޓްގެ އިތުރުން ކާނާއަށް ސަމާލުކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. ވިޓަމިން ސީ އާއި ޒިންކް އެކުލެވޭ ކާނާ ކަމަށްވާ އޮރެންޖް، މޭބިސްކަދުރު، ފެހި ތަރުކާރީ، މަސް އަދި ބަދަން ފަދަ ތަކެތި ބޭނުންކުރުމުން ހަށިގަނޑުގައި ގުދުރަތީގޮތުން ކޮލަޖަން އުފެއްދުމަށް އެހީތެރިވެދެއެވެ.
މި ދިރާސާގެ ނަތީޖާއަށް މަރުހަބާ ވިދާޅުވަމުން، ބްރިޓިޝް އެސޯސިއޭޝަން އޮފް ޑާމަޓޮލޮޖިސްޓްސްގެ ރައީސް ޑރ. ތަމާރާ ގްރިފިތްސް ވިދާޅުވީ، ކޮލަޖަންގެ ފައިދާތަކާ ގުޅޭގޮތުން އިތުރަށް ހަރުދަނާ ދިރާސާތަކެއް ކުރަންޖެހޭ ކަމަށެވެ.
