މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، ޖަލަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ފުރަތަމަ ފަހަރަށް ރޭ ބަހައްޓައިފިއެވެ. މި މެޝިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނި ގޮތުގައި، މިއީ ޖަލުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ފޯރުކޮށްދިން މެޝިނެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ، ޖަލުތަކުގެ ތެރޭގައި ކުށްކުރުން ހުއްޓުވުމަށްޓަކައި އެންމެ ފަހުގެ ސްކޭނަރުތައް ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

މި ބޮޑީ ސްކޭނަރު ބޭނުންކުރަން ފެށުމާއެކު، ޖަލަށް މަނާ ތަކެތި ވައްދައިގެން ހިންގާ ސްކޭމް ކޯލްތަކާއި އެ ނޫންވެސް ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. ރާއްޖޭގައި އާންމުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ ގިނަ ކޯލްތަކަކީ ޖަލުގައި ތިބޭ ގައިދީން ކުރާ ކޯލްތަކެއްކަން ފާހަގަކުރެވިފައިވާތީ، މިއީ އެކަން ހުއްޓުވަން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޖަލުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެ ބޮޑަށް ވަރުގަދަކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރަމުންދާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޖަލުން ކުރާ ސްކޭމް ކޯލްތައް ރިޕޯޓްކުރެވޭނެ ހާއްސަ ނިޒާމެއް ވެސް ވަނީ ގާއިމުކޮށްފައެވެ.