އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފިއެވެ. މިކަމުގެ ސަބަބުން ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުންނަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މެދުއިރުމަތީގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ހިމެނެއެވެ. މީގެ އިތުރުން ފްލައިދުބާއީ، އިއްތިހާދު އަދި ކުވައިތު އެއާވޭސްގެ ދަތުރުތައް ވެސް ވަނީ ވަރަށް ބޮޑަށް މަދުކޮށް ނުވަތަ މުޅިން ހުއްޓާލާފައެވެ.

މިކަމުގެ އަސަރު ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ވެސް ވަނީ ކޮށްފައެވެ. ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން، މާލެއިން ފުރައިގެން ދުބާއީއަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ވަނީ އަނބުރާ ރާއްޖެ އައިސްފައެވެ. އަދި ޔޫރަޕަށް ދަތުރުކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ދެ ޕްރައިވެޓް ޖެޓެއް ވެސް ވަނީ ދަތުރު މެދުކަނޑާލުމަށް ފަހު ރާއްޖެ އައިސްފައެވެ. މީގެ އިތުރުން ދުބާއީ އެއާޕޯޓުގެ ހުރިހާ ދަތުރުތަކެއް ވެސް މިހާރު ވަނީ ހުއްޓިފައެވެ.

ގަލްފުގެ ގައުމުތަކުން މި ފިޔަވަޅު އަޅާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ޔޫއޭއީގެ އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ. އީރާން، ގަތަރު، ކުވައިތު އަދި ބަހްރޭނުން ވެސް ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވަނީ މިސައިލް ހަމަލާތަކެއް ދޭން އުޅޭކަމުގެ ރިޕޯޓުތަކާ ގުޅިގެންނެވެ.

މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު އެއްފަހަރާ ބަންދުކުރުމުން، ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ.