މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އީރާނުން އަންގައިފިއެވެ. އީރާނުގެ މި އިންޒާރާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރޭޑިއޯ މެދުވެރިކޮށް އިންޒާރުދީ، އެ ސަރަހައްދުން ދަތުރުކުރުން މިހާރު ހުއްދަ ނޫންކަން އަންގާފައެވެ. މި ހާލަތާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާގެ މެރިޓައިމް އިދާރާތަކުން ވެސް ވަނީ ކަނޑުއޮޅިން ދަތުރުނުކުރުމަށް އުޅަނދުފަހަރަށް އިލްތިމާސްކޮށްފައެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުފަހަރު ވަނީ ދަތުރު ހުއްޓާލައި ނުވަތަ މިސްރާބު ބަދަލުކޮށްފައެވެ.

ދުނިޔޭގައި ކަނޑުމަގުން ކުރާ ތެލުގެ ވިޔަފާރީގެ 20 ޕަސަންޓަށް ވުރެ ގިނަ މިންވަރު ހިއްސާކުރާ ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމަކީ ދުނިޔޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރާނެ ކަމެކެވެ. ޖަޕާނާއި ގްރީސް ފަދަ ގައުމުތަކުގެ ބޮޑެތި ތެޔޮ ކުންފުނިތަކުން މިހާރު ވެސް ވަނީ އެ ސަރަހައްދުން ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ހާލަތު ދެމިގެން ހިނގައްޖެ ނަމަ، މުޅި ދުނިޔޭގައި ހަކަތައިގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެއެވެ.