އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވާ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ. އިސްރާއީލުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ހާމަނާއީ ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ތެހެރާންގައި ހުންނަ ހާމަނާއީގެ ރަސްމީ މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ސުންނާފަތިވެފައެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ އިމާރާތްތަކުން އަދިވެސް ދުން އަރަމުންދާއިރު، އިސްރާއީލުގެ އޮފިޝަލުން ބުނަނީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް ނުވަތަ ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހާމަނާއީ އާއި ރައީސް މަސްއޫދު ޕެޒެޝްކިއާން ހުންނެވީ ސަލާމަތުންނެވެ. އަދި ހާމަނާއީގެ މެސެޖެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި އެ ގައުމުން ވަނީ ބުނެފައެވެ.

މި ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް އިސް ކޮމާންޑަރުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ހާމަނާއީގެ ހާލަތާ މެދު މިހާތަނަށް މިނިވަން އެއްވެސް މަސްދަރަކުން ކަށަވަރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ހާމަނާއީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް މިވަގުތު އޮތީ ހިމޭނުންނެވެ.