މެދުއިރުމަތީގެ މަސްރަހު ހޫނުވެ، އެމެރިކާއިން އީރާނާ ގުޅުންހުރި އަމާޒުތަކަށް ކުއްލި ގޮތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާ ދިނުމަށް އެމެރިކާއިން ހުކުރު ދުވަސް އިހުތިޔާރުކުރުމުގެ ފަހަތުގައި އަސްކަރީ ސަބަބުތަކަށް ވުރެ ބޮޑަށް އިގުތިސާދީ އަދި ވިޔަފާރީގެ ސަބަބުތަކެއް އޮތް ކަމަށް ބެލެވެއެވެ.

މި ހަމަލާގެ ވަގުތު ކަނޑައެޅުމުގެ މައިގަނޑު ސިއްރަކީ ދުނިޔޭގެ ސްޓޮކް މާކެޓް ބަންދުވުމެވެ. އެމެރިކާ ސަރުކާރުން އާންމުކޮށް ބޮޑެތި އަސްކަރީ ނިންމުންތައް ހުކުރު ދުވަހުގެ ހަވީރު އިއުލާނު ކުރަނީ، ހަފުތާ ބަންދަށް މާކެޓް ބަންދުވާ ވަގުތާ ދިމާކޮށްފައެވެ. މީގެ ބޭނުމަކީ ބޮޑު ހަމަލާއެއްގެ ސަބަބުން އިގުތިސާދަށް އަންނަ ކުއްލި ސިހުމާއި އިންވެސްޓަރުންގެ ހާސްކަން ފިނިވާން ދެ ދުވަހުގެ މުއްދަތެއް ހޯދައިދިނުމެވެ.

ހުކުރު ދުވަހު މާކެޓް ބަންދުވުމުން ދެން އަލުން ހުޅުވޭނީ ހޯމަ ދުވަހުއެވެ. އެހެންކަމުން، ހޯމަ ދުވަހު މާކެޓް ހުޅުވޭއިރު އޮންނާނީ މީހުންގެ ޖަޒުބާތުތައް މައިތިރިވެ، ކަންކަން ހަމައަކަށް އެޅިފައެވެ. މިއީ މާކެޓް އެއްކޮށް ފުނޑުފުނޑުވިޔަ ނުދިނުމަށް ބޭނުންކުރާ ސިޔާސީ އަދި އިގުތިސާދީ އުކުޅެކެވެ.

މީގެ އިތުރުން، ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މީގެ ފަހަތުގައި "ޕަމްޕް އެންޑް ޑަމްޕް" ފަދަ ވިޔަފާރީގެ އުކުޅުތައް ވެސް އެކުލެވިގެންވެއެވެ. ނުފޫޒުގަދަ ފަރާތްތަކަށް ހަމަލާގެ މައުލޫމާތު ކުރިން އެނގޭތީ، މާކެޓްގެ އަގު މަތީގައި އޮންނައިރު ހިއްސާ ވިއްކާލައި، ހަމަލާއަށްފަހު އަގު ވެއްޓުމުން އަލުން އަގުހެޔޮކޮށް ގަނެ ފައިދާ ނަގާ ކަމަށް ބައެއް މީހުން ދެކެއެވެ. މިއީ ރަސްމީކޮށް ކަށަވަރުކޮށްދޭނެ ވާހަކަތަކެއް ނޫން ނަމަވެސް، ދުނިޔޭގެ ބޮޑެތި ހަނގުރާމަތަކާއި ސްޓޮކް މާކެޓާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ.