ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކުރަން އިސްނަންގަވާ އެކަން ތަންފީޒުކުރައްވާފައިވާތީ، މިކަމަށް އެއްބާރުލުންދީ، ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮ ކޮށްފިއެވެ.

ޑޭޓާގެ އަގު ހެޔޮކުރިކަން އިއުލާނުކޮށް ދިރާގުން ބުނީ، މި ގެނައި ބަދަލާއެކު 27 މޭ 2021 ގައި ސަރުކާރުން އިޢުލާން ކުރެއްވި 3 ޕެކޭޖް ފައިބަރ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފައިވާނެ ކަމަށެވެ. އަދި އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ "ސްޕީޑް އަފްޓަރ އެލަވަންސް" 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގައި 2 އެމް. ބީ. ޕީ. އެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި 5 އެމް. ބީ. ޕީ. އެސް އަށް އިތުރު ކޮށްފައި ވާނެކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެ ކަމަށާއި، އެގޮތުން، މިހާރު ކަސްޓަމަރުންނަށް %100 އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބިވަޑައިގަންނަވާނެކަމަށެވެ. އެހެން ކަމުން، ޑޭޓާގެ އަގުތައް މިހާރު ވަނީ %50 އާ ހަމައަށް ހެޔޮވެފައި ކަމަށް ދިރާގުން ބުންޏެވެ.

ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތާއެކު، ހޯމް އިންޓަނެޓް ޕްކޭޖްތަކަށް އަންނަ ހެޔޮ ބަދަލު ދިރާގުގެ ކަސްޓަމަރުންނަށް ލިބިގެންދާނީ 1 ޖުލައި 2021 އިން ފެށިގެންނެވެ. 

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތްކަމަށާއި ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.