އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ދުބާއީގައި ހުންނަ އެމެރިކާގެ ސީއައިއޭ ގެ މަރުކަޒަކަށް ހައިޕަސޮނިކް މިސައިލުން ހަމަލާދީފިން ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ދާދި ފަހުން އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ވަރުގަދަ ހަމަލާއެކެވެ.
މި ހަމަލާތަކާ ގުޅިގެން ދުބާއީގެ ޕާމް ޖުމެއިރާ ސަރަހައްދުގައި ހުރި ބޮޑު އިމާރާތެއްގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ދުބާއީ އާއި އަބޫދާބީގެ އެއާޕޯޓުތައް ވަގުތީގޮތުން ބަންދުކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ.
އީރާނުން މިފަދަ ބޮޑު ތުހުމަތެއް ކުރި ނަމަވެސް، ދުބާއީގައި ސީއައިއޭގެ މަރުކަޒެއް ހުންނަ ކަމަށް ނުވަތަ އެފަދަ ތާކަށް ހަމަލާ އެރި ކަމަށް ޔޫއޭއީ އަދި އެމެރިކާގެ ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޔޫއޭއީގެ މީޑިއާތަކުން ބުނާ ގޮތުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވަނީ ވައްޓާލި ޑްރޯން އަދި މިސައިލްތަކުގެ ސަބަބުންނެވެ. މި ދަނޑިވަޅުގައި ދުބާއީގެ އާންމުން ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
