މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގައި ތިބި އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ހިލޭ ގުޅޭނެ ގޮތް ހަމަޖައްސައިދީފިއެވެ.
ދިރާގުން ބުނި ގޮތުގައި މިއީ އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ގާތް މީހުންނާ މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ފޯރުކޮށްދިން ހިދުމަތެކެވެ.
މި ފުރުސަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ގުޅުމަށް ކޮންމެ ކަސްޓަމަރަކަށް ވެސް 30 މިނިޓު ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ހިލޭ މިނިޓުތައް ހޯދުމަށް ކަސްޓަމަރުންނަށް #225* އަށް ޑައިލްކޮށްގެން އެކްޓިވޭޓް ކުރެވޭނެއެވެ. މި އޮފާ އެކްޓިވޭޓް ކުރެވޭނީ މާދަމާގެ ނިޔަލަށެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ވަންދެން މި މިނިޓުތައް ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކާ ގުޅުން ބަދަހިކުރުމަށް ދިރާގުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
