އެމެރިކާ އާއި ކެނެޑާގެ ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން، ކެނެޑާ އިން 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް ކެނެޑާ ސަރުކާރުން ބުނެފި އެވެ.

ބްރިޓިޝް ކޮލަމްބިއާގެ ފުލުހުން ބުނާ ގޮތުގައި މި ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ، މިދެދުވަހު އެކަނިވެސް، އެ ސަރަހައްދުން 60 މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އެމީހުންގެ މަރުގެ ސަބަބެއް ކަމަށް ފުލުހުން ބުނީ އާދަޔާ ހިލާފަށް ހޫނު ގަދަވުމެވެ.

އެގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި އެ ގައުމުގެ ތާރިހުގައި ވެސް މިހާތަނަށް ހޫނުމިން އެންމެ މައްޗަށް ދިޔަ ކަމަށް ރެކޯޑް ކުރެވުނީ 29 ޖޫން 2021 އެވެ. އިއްޔެ ބްރިޓިޝް ކޮލަމްބިއާގައި ހޫނުމިން ހުރީ 49.5 ޑިގްރީ ސެލްސިއަސްގައެވެ. މިއީ ޖެހިޖެހިގެން މިހާ ގަދަކޮށް ހޫނުމިން ހުންނަ ތިން ވަނަ ދުވަހެވެ.

މި ހަފުތާގެ ކުރިން، ކެނެޑާގެ ހޫނުމިން 45 ޑިގްރީ އަށް ވުރެ މައްޗަށް ނުދާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. މިހާރު ހޫނުމިން ހުރި މިންވަރަކީ، ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި މުސްކުޅިންގެ އިތުރުން، ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންގެ ފުރާނައަށް ނުރައްކާ މިންވަރެއް ކަމަށް އެ އިދާރާ އިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެގައުމުގެ ސިއްހީ އެއްވެސް އިދާރާއަކުން މިކަމާއި ބެހޭގޮތުން އަދި އެއްވެސް ޖަވާބެއް ނުދެއެވެ.

ކެނެޑާއަކީ އާންމުގޮތެއްގައި ފިނިގައުމެއް ކަމަށާއި، ސްނޯވެސް ގިނައިން ފައިބާ ގައުމެކެވެ. ނަމަވެސް މިއީ އެގައުމަށް މިހާ ގަދަ ހޫނެއް ކުރިމަތިވި ފުރަތަމަފަހަރެވެ. މިކަން މިހެން ދިމާވާންވި ސަބަބެއް ހޯދުމުގެ މަސައްކަތް، ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްދާ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިންވަނީ ހާމަކޮށްފައެވެ.