މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ވަރުގަދަ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. ސަރުކާރުގެ އިސް 9 މިނިސްޓަރަކު ހިމެނޭ ގޮތަށް އެކުލަވާލި މި ކޮމިޓީގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް ދުރާލާ ތައްޔާރުވުމެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން ހައްލުކުރުމަށް ގުޅިގެން މުހިންމު ފިޔަވަޅުތަކެއް އެޅުމުގެ މަގުސަދުގައި އެކުލަވާލެއްވި ކޮމިޓީއެއްކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު ކަމާގުޅޭ އެކި މިނިސްޓްރީތަކުން އާންމުންނާ ހިއްސާ ކުރަމުން ގެންދާނެއެވެ.

މި މުހިންމު ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އޭނާގެ އިތުރުން ދެން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި، ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް މި ކޮމިޓީގައި ހިމެނެއެވެ. މީގެ އިތުރުންވެސް، މިނިސްޓަރު ތޯރިގު އިބުރާހިމް އާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ.

މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް އަންނަ ލޮޅުންތައް ކުޑަކުރުމަށްޓަކައި، މި ކޮމިޓީ މެދުވެރިކޮށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ.