ރަމަޟާން މަހަކީ ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން އިންސާނާ ތަރުބިއްޔަތުކޮށްދޭ މާތް މަހެކެވެ. ނަމަވެސް، ގިނަ ވަގުތުތަކެއް ވަންދެން ކެއިންބުއިމުން ދުރުހެލިވެ ހުރުމަކީ ހަށިގަނޑުގެ ގުނަވަންތަކަށް، ޚާއްޞަކޮށް ކިޑްނީއަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެކެވެ. ކިޑްނީގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުން ބޭކާރު މާއްދާތައް ބޭރުކުރުމާއި، އިލެކްޓްރޯލައިޓްސްތައް ހަމަހަމަކޮށް ބެހެއްޓުމާއި، ހަށިގަނޑުގައި ފެން ހުންނަންޖެހޭ މިންވަރު ކޮންޓްރޯލް ކުރުމެވެ. ރޯދައަށް ހުންނަ ވަގުތު ފެންމަދުވުމުގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި، ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކާއި، އަދި އާދަޔާ ޚިލާފަށް ވަރުބަލިވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.

ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ފެންމަދުވުމަކީ ކިޑްނީއަށް ބާރުބޮޑުވާ ކަމެކެވެ. ފެންބޯ މިންވަރު މަދުވުމުން ކުޑަކަމުދާ ތަކެތި ބޭރުވާ މިންވަރު މަދުވެ، ހަށިގަނޑުން ބޭރުކުރަންޖެހޭ ވިހަ މާއްދާތައް ކިޑްނީގައި ޖަމާވެއެވެ. މީގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެ އިތުރުން، ދަލުގެ ޒަރީއާއިންނާއި ނޭވާލުމުގެ ތެރެއިން ހަށިގަނޑުން ފެން ބޭރުވަމުންދާއިރު، އެއަށް ބޭނުންވާ ފެނާއި އިލެކްޓްރޯލައިޓްސް (ސޯޑިއަމް އަދި ޕޮޓޭސިއަމް) ނުލިބުމުން ހަށިގަނޑުގެ ބެލެންސް ގެއްލެއެވެ. ކުޑަކޮށް ފެންމަދުވުމަކީ ވެސް ކިޑްނީގެ މަސައްކަތަށް ބުރޫއަރައި، ބޯ އެނބުރުމާއި ވަރުބަލިކަން އިހުސާސްވާންޖެހޭ ކަމެކެވެ (އަޓަސޯޔޫ، 2026).

ރަމަޟާން މަހު ކިޑްނީގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ބައެއް މުހިންމު ފިޔަވަޅުތައް އެޅިދާނެއެވެ. އެގޮތުން ރޯދަވީއްލުމުން ފެށިގެން ހާރާ ހަމައަށް އެއްފަހަރާ ގިނަ ފެން ބުއިމުގެ ބަދަލުގައި، ވަގުތުތަކަކަށް ބަހާލައިގެން މަދުމަދުން ފެން ބުއިން މުހިންމެވެ. އެއްފަހަރާ މާގިނައިން ފެން ބުއިމަކީ ކިޑްނީއަށް ބާރުބޮޑުވެ، އަވަހަށް ހަށިގަނޑުން ފެން ބޭރުވާން މެދުވެރިވާ ކަމެކެވެ.

މީގެ އިތުރުން، ފެން ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ކަރާ، ކިއުކަމްބާ އަދި އޮރެންޖު ފަދަ މޭވާތަކަކީ ހަށިގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭނެ ތަކެއްޗެވެ. ހަމައެއާއެކު، ލޮނުގަދަ ކާތަކެއްޗާއި ކެފެއިން (ސައި، ކޮފީ) ހުންނަ ތަކެތި މަދުކުރަންޖެހެއެވެ. މިފަދަ ތަކެތީގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުވާ މިންވަރު އިތުރުވެ، ހަށިގަނޑުން ފެން މަދުވުން އަވަސްކޮށްދެއެވެ. ފޮނި ބުއިންތަކަކީ ވެސް ލޭގެ ހަކުރު މަތިކޮށް، ފެންމަދުވުމަށް މަގުފަހިކުރާ އެއްޗެހި ކަމަށްވާތީ އެފަދަ ބުއިންތަކާ ދުރުހެލިވުން ބުއްދިވެރިއެވެ. އަދި އަބަދުވެސް ކުޑަކަމުދާ ތަކެތީގެ ކުލައަށް ސަމާލުކަން ދޭންވާނެއެވެ. ފަނޑު ރީނދޫ ކުލައެއްގައި ހުރުމަކީ ހަށިގަނޑުގައި ފެން ހުރި މިންވަރު ރަނގަޅުކަމުގެ ނިޝާނެކެވެ. ނަމަވެސް ގަދަ ރީނދޫ ކުލައެއްގައި ހުރުމަކީ ފެންމަދުވެފައިވާ ކަމުގެ އިންޒާރެކެވެ.

ރަމަޟާން މަހުގެ ރޯދައިގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަނެވޭނީ ސިއްހަތަށް ރައްކާތެރިވެގެންނެވެ. ކިޑްނީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފެން ބުއިމުގެ އާދަތައް ބަހައްޓާ ގޮތަށް ސަމާލުވުމާއި، ލޮނާއި ހަކުރު ގިނަ ކާތަކެއްޗާ ދުރުހެލިވުން މުހިންމެވެ. މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރޯދަ ހިފުމުން، ސިއްހީ މައްސަލަތަކުން ދުރުވެ، އަޅުކަމުގައި ހީވާގިކަމާއެކު ދެމިހުރެވޭނެއެވެ.

ހަވާލާ:

އަޓަސޯޔޫ، އީ. އެމް. (2026). ރަމަޟާން މަހު ފެންމަދުވުމުން ކިޑްނީ ރައްކާތެރިކުރާނެ ގޮތްތައް. އަނަޑޯލޫ ސާލިކް މަރުކަޒު.