މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ އިގުތިސާދަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވެ، މާލީ ހަމަޖެހުން ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފިއެވެ. އެ މިނިސްޓްރީން ބުނީ އިގުތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށެވެ.

ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށް އެސްޓީއޯއާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް ދާއިރާއަށް މި ހަނގުރާމައިގެ ސަބަބުން ކޮށްފާނެ އަސަރުތައް ވެސް މިނިސްޓްރީން ދަނީ ދިރާސާކުރަމުންނެވެ. ހާއްސަކޮށް ޓޫރިސްޓުން އަންނަ މިންވަރަށާއި އިންޓަނޭޝަނަލް ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލުތަކަށް ބަލައި، ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ވަނީ ރާވާފައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ހަވާލާދީ ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ރިޒާވް މިވަގުތު ހުރީ އެކަށީގެންވާ ރަނގަޅު މިންވަރެއްގައި ކަމަށެވެ. މިއީ ބޭރު ދުނިޔެއިން ކުރިމަތިވާ އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، ރައްޔިތުންނަށް ބޭނުންވާ މުދާ އެތެރެކުރުމަށް ފައިސާ ހަމަޖެއްސުމަށް ސަރުކާރަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭނެ އެއް ކަންތަކެވެ. އެހެންކަމުން މި ދަނޑިވަޅުގައި ގައުމުގެ އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.