ބޭރު ގައުމުތަކުގެ ތެރެއިން ދިވެހިން އެންމެ ނުރުހޭ ގައުމަކީ އެމެރިކާ ކަމަށާއި، އެންމެ ބޮޑަށް ގަޔާވަނީ ސައުދީ އަރަބިއްޔާ އާއި ޗައިނާއާ ކަމަށް ބާނީ ސެންޓަރުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބާނީ ސެންޓަރުން ފޯނު މެދުވެރިކޮށް ހެދި މި ސާވޭގައި 391 މީހަކު ވަނީ ބައިވެރިވެފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، އެންމެ ކުރީގައި އޮތް ސައުދީ އަދި ޗައިނާއަށް ލިބިފައިވަނީ 6.9 ގެ އެވްރެޖު ސްކޯއެކެވެ.

މި ލިސްޓުގެ އެންމެ ފުލުގައި އޮތް އެމެރިކާއަށް ލިބިފައިވަނީ 3.5 ގެ ސްކޯއެކެވެ. ބާނީން ބުނި ގޮތުގައި އެމެރިކާއާ މެދު ދިވެހިން ދެކޭ ގޮތުގައި އުމުރުފުރާތަކުގެ މެދުގައި ބޮޑު ތަފާތެއް އެބައޮތެވެ. އެގޮތުން 55 އަހަރުން މަތީގެ މީހުން އެމެރިކާއަށް ދިނީ އެންމެ 2.5 ޕޮއިންޓެވެ. ނަމަވެސް 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުން ވަނީ އެމެރިކާއަށް 5 ޕޮއިންޓު ދީފައެވެ.

ދިވެހިން ތިންވަނައަށް އެންމެ ގަޔާވާ ގައުމަކަށް ހޮވިފައިވަނީ އިންޑިއާއެވެ. އިންޑިއާއަށް 6.2 ގެ ސްކޯއެއް ލިބިފައިވާއިރު، އެ ގައުމަށް ޒުވާނުންނަށް ވުރެ ބޮޑަށް ތާއީދު ކުރަނީ ދޮށީ އުމުރުގެ މީހުން ކަމަށް ސާވޭގެ ނަތީޖާއިން ދައްކައެވެ. ހަމައެހެންމެ، ހުޅަނގުގެ އެހެން ގައުމުތަކާއި ރަޝިއާއާ މެދު ވެސް ދޮށީ މީހުންނަށް ވުރެ ބޮޑަށް ޒުވާނުންގެ މެދުގައި ތާއީދު އޮންނަ ކަން ވަނީ ފާހަގަވެފައެވެ.

އެހެން ގައުމުތަކަށް ބަލާއިރު ރަޝިއާއަށް 5.2، އޮސްޓްރޭލިއާއަށް 4.9 އަދި އިނގިރޭސިވިލާތަށް ލިބިފައިވަނީ 4.3 އެކެވެ. ބާނީން ބުނީ މި ސާވޭގައި 391 މީހުން ބައިވެރިވި ނަމަވެސް، މިއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު 95 ޕަސަންޓު ކޮންފިޑެންސް ލެވެލްއެއްގައި ބަލައިގަނެވޭނެ ފުރިހަމަ އަދަދެއް ކަމަށެވެ.