މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ފްލައިޓުތަކުގެ ދަތުރުތަކަށް ބުރޫއެރުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް، ސަރުކާރާއި ސިނާއަތުގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުވުމުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މެދުކެނޑުމެއް ނެތި ދަތުރުކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އެކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަކަށް ވާއިރު، ފްލައިޓުތައް ކެންސަލްވުމުން ރާއްޖޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން އެ ޖަމިއްޔާއިން ވަނީ ބަލައިގަނެފައެވެ.

މި ނާޒުކު ދަނޑިވަޅުގައި މަޓާޓޯ އޮތީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ހިއްސާދާރުންނާ އެކުގައި ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ޓޫރިޒަމުން ހޯދާފައިވާ އިތުބާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

މީގެ ކުރިން ވެސް ދުނިޔެއަށް ކުރިމަތިވި މިފަދަ ބޮޑެތި ކާރިސާތަކާއި ހާލަތްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކާމިޔާބުކަމާއެކު އަރައިގަނެފައިވާކަން މަޓާޓޯއިން ފާހަގަކުރިއެވެ. އެހެންކަމުން، މިފަހަރު ވެސް ގުޅިގެން މަސައްކަތްކޮށްފިނަމަ މި ހާލަތުން އަރައިގަނެވި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓޭނެ ކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.