މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދިވެހިންނާއި ދާން ތައްޔާރުވާ ފަރާތްތަކުން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އުމްރާވެރިންގެ ދަތުރުފަތުރުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިވަގުތު މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ކަންކަން އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
މި ހާލަތާ ގުޅިގެން ހާއްސަ ކަމެއް ދިމާވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން ގުޅަންޖެހޭ ނަންބަރުތަކަކީ:
ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން: 966506894477+
ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ހޮޓްލައިން: 966530838329+
މީގެ އިތުރުން، އުމްރާވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ހާއްސަ ހޮޓްލައިނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ނަންބަރު ގާއިމުކޮށް ނިމުމުން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ކަމާގުޅުންހުރި ރަސްމީ އިދާރާތަކުންނާއި ސައުދީ ސަރުކާރުން ނެރޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ.
މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެފައިވަނީ، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފެށުމާ ގުޅިގެންނެވެ.
