އެމެރިކާ، އިސްރާއީލު އަދި އީރާނު ހިމެނޭހެން މެދުއިރުމަތީގައި ފެށިފައިވާ ވަރުގަދަ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް އިންތިހާއަށް އުފުލެން ފަށައިފިއެވެ. މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އަސްކަރީ ހަމަލާތައް ބަދަލުކުރަން ފެށުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

ހަނގުރާމައިގެ ހަމަލާތައް ފެށުމުގެ ކުރިން ފެބްރުއަރީ މަހުގެ ފަހުކޮޅު ތެލުގެ އަގުތައް ހުރީ އާންމު މިންގަނޑެއްގައެވެ. އެގޮތުން ދުނިޔޭގެ މިންގަނޑުން ބަލާނަމަ ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއް 72 ޑޮލަރާއި 73 ޑޮލަރާ ދެމެދުގެ އަގެއްގައި ހުރިއިރު، އެމެރިކާގެ މިންގަނޑު ކަމަށްވާ ޑަބްލިއުޓީއައި ހުރީ 67 ޑޮލަރުގައެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، ރަސްމީކޮށް ބާޒާރު ހުޅުވުމުގެ ކުރިންވެސް ބްރެންޓް ކްރޫޑްގެ އަގު ވަނީ 10 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 80 ޑޮލަރަށް އަރާފައެވެ.

އިގުތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ ބާޒާރުގައި މިހާރު އުފެދިފައިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ދަތުރުކުރާ ހުރުމޫޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްފާނެ ކަމުގެ ބިރެވެ. އީރާނުން މި ކަނޑުއޮޅި ބަންދުކޮށްފިނަމަ، ސައުދީ އަރަބިއްޔާ އަދި އިރާގު ފަދަ ގައުމުތަކުގެ ތެޔޮ ބޭރުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. މިކަމުގެ ސަބަބުން މިހާރުވެސް ތެޔޮ އުފުލާ ބޯޓުފަހަރުގެ ދަތުރުތައް މަޑުޖެހި، އިންސުއަރެންސްގެ އަގުތައް ބޮޑުވެފައިވާއިރު، ހާލަތު އެންމެ ގޯސްވެއްޖެނަމަ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ މި ކުއްލި ލޮޅުން ކުޑަކުރުމަށްޓަކައި، ސައުދީ އަދި ޔޫއޭއީ ހިމެނޭހެން އޯޕެކް ޕްލަސް އިން ވަނީ ދުވާލެއްގެ މައްޗަށް 200،000 ފީފާގެ ތެޔޮ އިތުރަށް އުފެއްދުމަށް ނިންމާފައެވެ. އެހެންނަމަވެސް، މާހިރުން ބުނާ ގޮތުގައި އޯޕެކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރި ނަމަވެސް، ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ މާކެޓުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން އަގުތައް ތިރިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

މި ނުރައްކާތެރި ހާލަތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެޓްރޯލްގެ އަގު ބޮޑުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ހިނގައިދާނެ ކަމުގެ އިންޒާރު މާލީ އިދާރާތަކުން ދަނީ ދެމުންނެވެ. ތެލުގެ އަގަށް އަންނާނެ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މި ހަނގުރާމަ ދެމިގެންދާނެ މުއްދަތަކާއި، ހުރުމޫޒު ކަނޑުއޮޅީގެ ހާލަތުގެ މައްޗަށެވެ. މުޅި މާކެޓު މިވަގުތު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.