އިންސާނާގެ މި ދުނިޔަވީ ޙަޔާތަކީ އިމްތިޙާނެކެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސްތަކުގައި ތަކުރާރުކޮށް ހަނދާންކޮށްދެއްވާ ފަދައިން، މި ދުނިޔެއަކީ ފުރިހަމަ ތަނެއްގެ ގޮތުގައި ހެއްދެވި ތަނެއް ނޫނެވެ. އަޅުގަނޑުމެން އުފެއްދެވީ ﷲ އަށް އަޅުކަން ކުރުމަށާއި، ދިިރިއުޅުމުގެ އުނދަގޫތަކާ ކުރިމަތިލައި، އިޞްލާޙުވެ، ތަކުރާރުކޮށް އެކަލާނގެ ހަޟްރަތަށް ރުޖޫޢަވުމަށެވެ.

ދިރިއުޅުމުގައި ކުރިމަތިވާ ހިތާމަތަކާއި، މާޔޫސްކަމާއި، ގެއްލުންތަކަކީ ﷲ އަޅުގަނޑުމެން ދޫކޮށްލެއްވި ކަމުގެ ނިޝާނެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އެކަލާނގެއާ ކުއްތަންވުމަށް މަގުފަހިކޮށްދޭ ވަސީލަތްތަކެކެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް މުލްކުގެ 2 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ " އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."

މި ދުނިޔެއަކީ އަޅުގަނޑުމެންގެ ޢަމަލުތަކާއި، ކެތްތެރިކަމާއި، އިޚްލާޞްތެރިކަން ވަޒަންކުރެވޭ މައިދާނެކެވެ. އިންސާނާގެ މަޤްޞަދަކީ ފާފައެއް ނުކުރާ މީހަކަށް ވުމެއް ނޫނެވެ. ނަމަވެސް، ﷲ ހަނދުމަކުރާ، ތިމާގެ ނިންމުންތަކަށް ޒިންމާދާރުވާ މީހަކަށް ވުމެވެ. ކޮންމެ ތަކުލީފެއްގެ ފަހަތުގައި ޙިކުމަތެއް ފޮރުވިފައިވެއެވެ. އެކަން ވަގުތުން ފަހުމް ނުވި ނަމަވެސްމެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޢުދުފުޅަކީ އުނދަގުލާއެކު ލުއިފަސޭހަކަން ވާކަމެވެ.

إِنَّ مَعَ الْعُسْرِ يُسْرًا "ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."

މުއުމިނަކީ އަމިއްލަ ވިސްނުމަށްވުރެ ﷲގެ މިންވަރުފުޅަށް އިތުބާރުކުރާ މީހާއެވެ. ކަމެއް ދިމާވުމުން "މިކަން މިވީ ކީއްވެ؟" މިހެން ބުނުމުގެ ބަދަލުގައި، "ޔާ ﷲ! މިކަމުން އަޅަށް މަގުދައްކަވާނދޭވެ!" މިފަދައިން ދުޢާކުރުމަކީ ހަޤީޤީ ކާމިޔާބީއެވެ.

ހަޤީޤީ ކާމިޔާބީއަކީ މުދަލާއި މަޤާމެއް ނޫނެވެ. އެއީ ރިތި އަޚްލާޤާއި، ތެދުވެރި ތައުބާއާއި، ﷲ އާ ގުޅިފައިވާ ސާފު ހިތެކެވެ.

މި ލިޔުން ލިޔެވިފައިވަނީ މުފްތީ މެންކް ދައްކާފައިވާ ވާހަކައިގެ މައްޗަށެވެ.