ޕަރޭޝް ރާވަލް މިހާރު ކުޅެމުންދާ ފިލްމު "ޝަރްމާޖީ ނަމްކީން"ގެ އެންމެ ފަހު ޝޫޓިންގ ޝެޑިއުލް ފަށައިފިއެވެ. މިދިޔަ މާރޗު މަހުގެ ތެރޭގައި ފިލްމުގެ މަންޒަރުތަކެއް ނެގުމަށްފަހު އިންޑިއާގައި ކޮވިޑް ހާލަތު ގޯސްވުމުން ވަނީ ޝޫޓިންގ މެދުކަނޑާލާފައެވެ. މިހާރު އަނެއްކާވެސް ފިލްމުގެ ޝޫޓިންގ ފަށާފައިވާއިރު މިހާރު ނަގަމުންދާ މަންޒަރުތަކަކީ ލޯކަލް ސްކޫލެއްގައި ނަގާ މަންޒަރުތަކެކެވެ.

"ޝަރްމާޖީ ނަމްކީން" އަކީ ފުރަތަމަ ރިޝީ ކަޕޫރާއެކު ހަދަން ނިންމި ފިލްމެކެވެ. ނަމަވެސް ކެންސަރު ބަލީގައި ރިޝީ މަރުވުމާއި ގުޅިގެން އޭނާ ކުޅެން ހަމަޖެއްސި ބައި މިހާރު ކުޅެނީ ޕަރޭޝް ރާވަލްއެވެ.

ކޮމެޑީ ޑްރާމާ މި ފިލްމުގައި ކިޔައިދެނީ 60 އަހަރުގެ ފިރިހެނަކު އޭނާގެ ވަޒީފާއިން ރިޓަޔާކުރާ ފަހުން އޭނާގެ ދިރިއުޅުން ކުރިއަށް ގެންދާ ގޮތުގެ ވާހަކައެވެ.

ހިތޭޝް ބާޓިއާ ޑައިރެކްޓްކުރާ މި ފިލްމުގައި ޕަރޭޝްގެ އިތުރުން މައިގަނޑު ރޯލުތަކުން ފެންނާނީ ޖޫހީ ޗާވްލާއާއި ސަތީޝް ޝާހްއެވެ. މި ފިލްމަކީ ރިޝީ ކަޕޫރް ލައިގެން ހަދަން އުޅުނު ފިލްމަކަށް ވާތީ، ރިޝީގެ އުފަންދުވަހު މި ފިލްމު ރިލީޒްކުރުމަށް ފިލްމުގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

"ޝަރްމާޖީ ނަމްކީން"ގެ އިތުރުން ޕަރޭޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު މަސައްކަތް ނިމިފައިވާ ފަރްހާން އަޚްތަރުގެ ކުޅިވަރު ފިލްމު "ތޫފާން" އާއި 2003 ވަނަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު ހަންގާމާގެ ސީކުއެލް "ހަންގާމާ 2" ހިމެނެއެވެ.