ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް ޓިކްޓޮކް ފަދަ މީސްމީޑިއާގެ ވަސީލަތްތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "މެރީ މީ ޗިކަން" އަކީ މިހާރު ކެއްކުމަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި ވަރަށް މަޝްހޫރު ރެސިޕީއެކެވެ.މި ރެސިޕީގެ މަގުބޫލުކަން ބޮޑުވެ، ނިއުޔޯކް ޓައިމްސް ފަދަ ނޫސްތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.
މި ކެއުމަކީ އާއިލާގެ މެންބަރަކަށް ނުވަތަ ޚާއްސަ މީހަކަށް ރޯދަވީއްލުމަށް ތައްޔާރުކޮށްލަދިނުމަށް ނުވަތަ އާދައިގެ ރޭގަނޑުގެ ކެއުމެއް ޚާއްސަކޮށްލުމަށްވެސް ވަރަށް ފުރިހަމަ ރެސިޕީއެކެވެ. މި ކެއުމުގެ މީރުކަމުން، މިއީ "ލޯބި ހުށަހެޅުމަކަށް" މަގުފަހިކޮށްދޭ ފަދަ މީރު ރަހައެއް އެކުލެވޭ ކެއުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ބޭނުންވާ ތަކެތި:

3 ސަމްސާ ސަމްސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް (ބަހާލައިގެން ބޭނުންކުރުމަށް)
4 ބޯންލެސް ޗިކަން ބްރެސްޓް (ކަށި ނެތް ކުކުޅު މަސް)
ކޮޝަރ ސޯލްޓް ނުވަތަ ލޮނު
މުގުރި އަސޭމިރުސް
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމްސާ ތައިމް (ފްރެޝް)
1 ސައިސަމްސާ ހިކިމިރުސް (މުގުރާފައި)
3/4 ޖޯޑު ޗިކަން ބްރޮތް
1/2 ޖޯޑު ސަން-ޑްރައިޑް ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ހެވީ ކްރީމް
1/4 ޖޯޑު ޕާމީޒާން ޗީޒް (ގާނާފައި)
ފްރެޝް ބެސިލް (ގާނިޝް ކުރުމަށް)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަވަން 375 ޑިގްރީ އަށް ހޫނުކުރަން ޖައްސާށެވެ. އެއަށްފަހު، އަވަނަށް ލެވޭ ފަދަ ތަވައަކަށް 1 ސަމްސާ ތެޔޮ އެޅުމަށްފަހު، މެދު މިންވަރެއްގެ ހޫނުމިނެއްގައި ކުކުޅުތައް ރަން މުށިކުލަ އަރަންދެން ފިހެލާށެވެ. ކުކުޅު ފިހާއިރު އޭގެ ދެފަރާތުގައި ލޮނާއި އަސޭމިރުސް ހާކަންވާނެއެވެ. ކުކުޅުތައް ފިހެވުމުން ތަށީގައި ބަހައްޓާށެވެ.
ދެވަނަ ފިޔަވަޅަކީ ހަމަ އެ ތަވައިގެ ތެރެއަށް ބާކީ ހުރި 2 ސަމްސާ ތެޔޮ އެޅުމަށްފަހު ލޮނުމެދާއި، ތައިމް އަދި ހިކިމިރުސް އަޅައިގެން މިނެޓެއްހާއިރު ކައްކާލުމެވެ. އެއަށްފަހު ޗިކަން ބްރޮތް، ޓޮމާޓޯ، ކްރީމް އަދި ޗީޒް އެއްކޮށްލާށެވެ. ރަހަ ބެލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ. ސޯސްގަނޑު ކުޑަކޮށް ބޮކިޖަހާ ހިސާބަށް ދިއުމުން، ކުރިން ފިހުނު ކުކުޅުތައް އަލުން ތަވައަށް އަތުރާލާށެވެ.
ތިންވަނަ ފިޔަވަޅެއްގެ ގޮތުން މުޅި ތަވާ އަވަނަށް ލުމަށްފަހު 10 އާއި 12 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހެލާށެވެ. ކުކުޅު ރަނގަޅަށް މަޑުވުމުން އަވަނުން ނަގައި، ސޯސްގަނޑު ކުކުޅުތަކުގެ މައްޗަށް އޮއްސާލާށެވެ. އެންމެ ފަހު ކަމަކަށް ބެސިލް ފަތްތައް މައްޗަށް އަޅާލުމުން، މުޅި އިންޓަނެޓުގައި މަޝްހޫރުވެފައިވާ މީރު "މެރީ މީ ޗިކަން" ތައްޔާރުކޮށް ނިމުނީއެވެ.

