މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ރޯވެ އަނދަމުން ދަނީ މއ. ސިޓީވިލާ ގޭގައެވެ.

އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 3:06 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު ފަޔާ އެންޑް ރެސްކިއުގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި މިގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ.