ބޮލީވުޑްގައި އަދިވެސް އެވަރުގެ ރީތި ބަތަލާއެއް ނެތްކަމަށް ގިނަ ބަޔަކު އެއްބަސްވާ އައިޝްވާރިޔާ ރާއީއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި އެކްޓްރެސްއެކެވެ. 1994 ވަނަ އަހަރު މިސް ވޯލްޑް ތާޖު ހާސިލްކުރުމަށްފަހު 1997 ވަނަ އަހަރު ތަމަޅަ ފިލްމު "އިރުވަރް" އިން ފިލްމީ ދާއިރާއަށް ނުކުތް އައިޝްވާރިޔާއަކީ ހޮލީވުޑްގައިވެސް ފައިތިލަ ސާބިތުކޮށްލެވުނު އިންޑިއާގެ މަދު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

މި ލިސްޓުގައި މި ހިމަނާލަނީ އައިޝްވާރިޔާ ނުކުޅެ ދޫކޮށްލި ކާމިޔާބު 7 ފިލްމެވެ.

* ކުޗް ކުޗް ހޯތާ ހޭ

ފިލްމު ބަލާ މީހުންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިފައިވާ އެއް ފިލްމަކީ 1998 ވަނަ އަހަރު ކަރަން ޖޯހަރް ގެނެސްދިން "ކުޗް ކުޗް ހޯތާ ހޭ" އެވެ. ފިލްމުގައި ޓީނާގެ ރޯލަށް ތަރިއެއް ހަމަޖެއްސުން ކަރަންއަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަޕޯޓިންގ ރޯލަކަށް ވުމާއި އެކި ސަބަބުތަކާއި ގުޅިގެން ވަރަށް ގިނަ ތަރިން އެ ރޯލު ކުޅޭކަށް އެއްބަހެއް ނުވިއެވެ. އޭގެ ތެރެއިން އެކަކަކީ އައިޝްވާރިޔާއެވެ. އޭނާ އެ ރޯލު ނުކުޅުނީ އޭނާ މިސް ވޯލްޑަށް ވެފައި އެ ރޯލަކީ ވަރަށް އަންހެންވަންތަ ރޯލަކަށްވުމުން އެ ރޯލު ކުޅެފިނަމަ އޭނާ ކުޅެނީ ހަމައެކަނި އެކަހަލަ "ގްރޭސްފުލް" ރޯލުތައް ކަމަށް ބުނެ އައިސްދާނެ ފާޑުކިޔުންތަކާހެދި ކަމަށް އައިޝްވާރިޔާ ބުނެފައިވެއެވެ. ފަހުން އެ ރޯލު ކުޅުނީ ރާނީ މުކަރްޖީއެވެ. އެއީ ރާނީގެ ފިލްމީ ކެރިއަރަށް އިންޤިލާބެއް ގެނައި ފިލްމުކަން ފާހަގަކޮށްލެވެއެވެ.

* ވީރް ޒާރާ

2004 ވަނަ އަހަރުގެ ސުޕަހިޓް ފިލްމު "ވީރް ޒާރާ" އަކީވެސް ފުރަތަމަ އައިޝްވާރިޔާއަށް ހުށަހެޅި ފިލްމެކެވެ. ނަމަވެސް ވަކި ސަބަބެއް ހާމަނުކޮށް އޭނާ ވަނީ މި ފިލްމުވެސް ދޫކޮށްލާފައެވެ. އައިޝްވާރިޔާ މި ފިލްމު ދޫކޮށްލުމުން ޝާހްއާއެކު މި ފިލްމު ކުޅުނީ ޕްރީތީ ޒިންތާއެވެ. މިއީ ޕްރީތީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

* މުންނާ ބާއީ އެމް.ބީ.ބީ.އެސް

ސަންޖޭ ދަތު ލީޑް ރޯލު ކުޅުނު ހިޓް ފިލްމު "މުންނާ ބާއީ އެމް.ބީ.ބީ.އެސް"ގެ ލީޑް އަންހެން ކެރެކްޓަރ ޑރ. ސުމަންގެ ރޯލު އައިޝްވާރިޔާ ނުކުޅެ ދޫކޮށްލުމުން ދެން އެ ރޯލު ކުޅުނީ ގްރޭސީ ސިންގއެވެ. މިއީ 2003 ވަނަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.

ރާޖާ ހިންދުސްތާނީ

1996 ވަނަ އަހަރު ނުކުތް "ރާޖާ ހިންދުސްތާނީ" އަކީވެސް ފުރަތަމަ އައިޝްވާރިޔާއަށް ހުށަހެޅި ފިލްމެކެވެ. އޭރު އަދި އޭނާ ފިލްމީ ދާއިރާއަކާ ނުވެސް ވަދެއެވެ. ފެމިނާއަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ވަނީ އެކަން ހާމަކޮށްފައެވެ. އައިޝްވާރިޔާ މި ފިލްމު ދޫކޮށްލުމުން ދެން އެ ރޯލު ކުޅުނީ ކަރިޝްމާ ކަޕޫރެވެ. މި ފިލްމު ކުޅެގެން ކަރިޝްމާއަށް ވަނީ ފިލްމުފެއަރ ބެސްޓް އެކްޓްރެސް އެވޯޑް ލިބިފައެވެ.

* ޓްރޯއީ

ބްރެޑް ޕިޓް ލީޑް ރޯލު ކުޅުނު ހޮލީވުޑް ފިލްމު "ޓްރޯއީ" ވެސް އައިޝްވާރިޔާއަށް ހުށަހެޅިއެވެ. އޭނާއަށް ފިލްމުން ހުށަހެޅީ ބްރީސިސްގެ ރޯލެވެ. ނަމަވެސް އައިޝްވާރިޔާ ވަނީ މި ފިލްމުވެސް ދޫކޮށްލާފައެވެ.

* "ބާޖީރާއޯ މަސްތާނީ" އަދި "ޕަދުމާވަތު"

ސަންޖޭ ލީލާ ބަންސާލީ އެންމެ ފަހުން ގެނެސްދިން ދެ ފިލްމު "ބާޖީރާއޯ މަސްތާނީ" އަދި "ޕަދުމާވަތު" ވެސް އައިޝްވާރިޔާއަށް ހުށަހެޅިއެވެ. ސްޕޮޓްބޯއީއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެކަން ހާމަކޮށްފައެވެ. ފަހުން "ބާޖީރާއޯ މަސްތާނީ" ކުޅުނީ ރަންވީރް ސިންގއާއި، ދީޕިކާ ޕަޑުކޯން އަދި ޕްރިޔަންކާ ޗޯޕްރާއެވެ. "ޕަދުމާވަތު"ގެ ތަރިންނަކީ ދީޕިކާ ޕަޑުކޯން، ރަންވީރް ސިންގ އަދި ޝާހިދު ކަޕޫރެވެ.

ފަހުން އެހާ ކާމިޔާބުވި ފިލްމުތަކެއް ނުކުޅެ ދޫކޮށްލާފައިވާއިރު އައިޝްވާރިޔާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއްވެސް ކުޅެފައެވެ. އޭގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ތާލް"، "މޮހައްބަތޭން"، "ދޭވްދާސް"، "ދޫމް 2"، "ޖޯދާ އަކްބަރް" އަދި "އޭ ދިލް ހެ މުޝްކިލް" ފާހަގަކޮށްލެވެއެވެ. އަދި ބޮކްސް އޮފީހުގައި ފްލޮޕް ވީނަމަވެސް "ކުޗް ނާ ކަހޯ"، "ދިލް ކަ ރިޝްތާ"، "ރެއިންކޯޓް"، "ގުޒާރިޝް" އަދި "ސަރަބްޖީތު" ފަދަ ފިލްމުތަކަކީ އޭނާ މޮޅު އެކްޓިންގއެއް ފެނިގެންދިޔަ ފިލްމުތަކެކެވެ.