ދެހާސް ސައްބީސް ވަނަ އަހަރުގެ އޭޕްރީލް މަހު ހަމަވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނު ކަމުގައި ވިޔަސް، އެކަން ކުރެވޭ ވަރަށް ސަރުކާރުގައި ފައިސާ އެބަހުރި ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2026 ވަނަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު ސުކޫކު ދައްކައި ހަލާސްކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސުކޫކު ދެއްކުމަށްޓަކައި މިހާރުވެސް 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ ރައްކާކުރެވިފައެވެ. އަދި ރާއްޖޭގެ ގްރޮސް ރިޒާވް 1.27 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ގްރޮސް ރިޒާވް މައްޗަށް ނުދާހާ މިންވަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ފައިސާ ރައްކާކޮށްފައިވާ ގޮތުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ރޭގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި 320 މިލިއަން ޑޮލަރަށްވުރެ ގިނައިން ހުރިއިރު، ޔޫސަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި ކަމަށެވެ. އެހެންކަމުން އެ ދެ އަދަދު އެއްކޮށްލުމުން ޖުމްލަ 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ސުކޫކު ދެއްކުމަށް އެބަހުރި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ކުރެވެމުންދާ މަސައްކަތްތައް ވެސް ވަރަށް ކާމިޔާބު ކަމަށާއި، ފައިސާ ހޯދުމުގެ މުއާމަލާތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިގުތިސާދު މެނޭޖުކުރަމުން ދަނީ އެތެރެއާއި ބޭރުގެ ދަރަނިތައް ވެސް ދެއްކޭނެ ގޮތަށް ކަމަށް ވުމާއެކު، ދަރަނި ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. ސަރުކާރުން އަންނަނީ ސުކޫކަށް ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތަށް މިހާތަނަށް ވެސް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.