މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އަރަބި އަދި އިސްލާމީ ގައުމުތަކާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. ތިންސަތޭކަ ހަތަރު ދުވަހަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އީރާނުން އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުތަކުގެ ވެރިންނާ ގުޅުއްވައި ރާއްޖޭގެ ތާއީދު އޮތްކަން ހާމަކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ރޭގެ ވަގުތެއްގައި ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައި، ރާއްޖެއިން އެ ގައުމާއެކު އޮތްކަން ހާމަކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މީހުން މަރުވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ ދިވެހި ރައްޔިތުން ތިބީ ޔޫއޭއީއާ އެކުގައިކަން އެ ގައުމުގެ ރައީސަށް ޔަގީންކޮށްދެއްވާފައެވެ.
މީގެ އިތުރުން، މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާ، ބަހުރައިން، އޮމާން އަދި ގަތަރުގެ ވެރިންނަށްވެސް ގުޅުއްވައި، އެ ގައުމުތަކާއެކު ދިވެހިރާއްޖެ އޮތްކަން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ މެދުއިރުމަތީގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، އިސްލާމީ ގައުމުތަކާއެކު އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްތަކެކެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާއި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. މެދުއިރުމަތީގެ މައްސަލަތަކުގައި ސަރުކާރުން އަންނަނީ ވަރަށް ގާތުން ހާލަތު ދިރާސާކޮށް، ގަލްފުގެ އަރަބި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ހާރިޖީ ގުޅުންތައް ކުރިއަށް ގެންދަމުންކަން ފާހަގަކުރެވެއެވެ.
