އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ވަރުގަދަ އޮޕަރޭޝަނަށް އެމެރިކާގެ އާންމު ރައްޔިތުންގެ ތާއީދު ވަރަށް ކުޑަކަން ހާމަވެއްޖެއެވެ. ރޮއިޓާސް އާއި އިޕްސޯސް ގުޅިގެން ހޮނިހިރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސާވޭއިން ދައްކާ ގޮތުގައި، މި ހަމަލާތަކަށް ތާއީދު ކުރަނީ ކޮންމެ ހަތަރު މީހަކުން އެކަކެވެ.
މި ސާވޭގެ ނަތީޖާ އާންމުކޮށްފައިވަނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވިކަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހާމަކުރުމުގެ ކުރިންނެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 43 އިންސައްތަ މީހުން ވަނީ މި ހަނގުރާމައާ ދެކޮޅުކަން ހާމަކޮށްފައެވެ. އަދި 29 އިންސައްތަ މީހުން ވަކި ގޮތެއް ނިންމަން ނޭނގޭ ކަމަށް ބުނެފައިވެއެވެ.
ރައީސް ޓްރަމްޕް އާދިއްތަ ދުވަހު ވިދާޅުވީ، ހުރިހާ މަގުސަދުތަކެއް ހާސިލްވަންދެން މި "މާތް މިޝަން" ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އީރާނަކީ މުޅި އިންސާނީ އޮތް ނުރައްކަލެއް ކަމަށެވެ. ނަމަވެސް ސާވޭއިން ފެންނަ ގޮތުގައި އެމެރިކާގެ ރައްޔިތުން މި ވިސްނުމާ އެއްބަހެއް ނުވެއެވެ.
ސިޔާސީ ޕާޓީތަކަށް ބަލާއިރު، އިދިކޮޅު ޑިމޮކްރެޓުންގެ 74 އިންސައްތަ މީހުން މި ހަމަލާތަކާ ދެކޮޅެވެ. ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ 55 އިންސައްތަ މީހުން ހަމަލާތަކަށް ތާއީދު ކުރި ނަމަވެސް، މީގެ ތެރެއިން 42 އިންސައްތަ މީހުން ބުނެފައިވަނީ އެމެރިކާ ސިފައިން މަރުވާން ފަށައިފިނަމަ މި އޮޕަރޭޝަނަށް އޮތް ތާއީދު އަނބުރާ ގެންދާނެ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް އީރާނުން 201 މީހުން، އިސްރާއީލުން 9 މީހުން، އިރާގުން 2 މީހުން، ޔޫއޭއީން 3 މީހުން އަދި ކުވެއިތުން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ތެލުގެ އަގު ބޮޑުވެއްޖެނަމަ ހަނގުރާމައަށް އޮތް ތާއީދު ކުޑަވާނެ ކަމަށް 45 އިންސައްތަ މީހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް މި ސާވޭގެ ނަތީޖާ އަކީ ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަތީ "ނިމުމެއް ނެތް ހަނގުރާމަތައް" ހުއްޓާލާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ އެއާ މުޅިން އިދިކޮޅު މަންޒަރެއް ކަމަށް ބުނެ ޑިމޮކްރެޓުން ދަނީ ފާޑުކިޔަމުންނެވެ. ޑިމޮކްރެޓިކް ސެނެޓަރުން މިހާރު ދަނީ ކޮންގްރެސްގެ ހުއްދަނެތި އަސްކަރީ ފިޔަވަޅު ނޭޅޭނެ ގޮތަށް ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.
