ދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހި، ރާއްޖޭގައި ތާށިވެފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު މޯލްޑިވްސް އިމިގްރޭޝަނުން އިތުރުކޮށްދީފިއެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދަށް އައިސްފައިވާ ބަދަލުތަކާއެކު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައި، ރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިޓުތައް ވަނީ ކެންސަލްވެފައެވެ. އެހެންކަމުން، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތް ފަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓޫރިސްޓް ވިސާ އާކޮށްދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.
މި ހާލަތާ ގުޅިގެން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންގެ ހާލު ބަލައި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ފްލައިޓުތައް ކެންސަލްވާން ފެށި ހިސާބުން، ފަތުރުވެރިންނަށް އެނބުރި ކުރިން ތިބި ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިދީފައެވެ. އަދި ޓިކެޓު ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި ދާން ބޭނުންވި ފަތުރުވެރިންނަށް އެކަން މަގުފަހިކޮށްދީފައިވާއިރު، އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި މަޑުކުރަން ބޭނުންވި މީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ތިބެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.
މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާ ގުޅިގެން، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއާލައިންތަކަށް ހާއްސަ ސާވިސް ކައުންޓަރުތައް ވެސް ޑޮމެސްޓިކް ޓާމިނަލްގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފެބްރުއަރީ 28 ވަނަ ދުވަހު އެކަނި ވެސް 9 ފްލައިޓެއް ކެންސަލްވެ ގާތްގަނޑަކަށް 1،716 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އޭގެ އަނެއް ދުވަހު (މާޗް 1 ގައި) އިތުރު 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3،530 ފަސިންޖަރުންނަށް ދަތުރުނުކުރެވި ވަނީ އެއާޕޯޓުގައި ތާށިވެފައެވެ.
