މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 35 ޕަސަންޓަށް ދަށްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ މަހު ދުވާލަކު އެވްރެޖުކޮށް 8،500 އާއި 8،800 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އައި ނަމަވެސް، މިހާރުގެ ހާލަތާ ގުޅިގެން މި އަދަދުން ބޮޑު ބައެއް އުނިވާނެ ކަމަށެވެ. އަދި 30 އާއި 35 ޕަސަންޓާ ދެމެދުގެ ދަށްވުމެއް ވަގުތުން ނުފެނުނަސް، ކުރިއަށް އޮތް ތަނުގައި އޭގެ އަސަރު ފެންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޔޫރަޕާއި އެމެރިކާއިން އަންނަ މީހުން ޓްރާންސިޓް ކުރާ މެދުއިރުމަތީގެ ބޮޑެތި އެއާޕޯޓުތައް ކަމަށްވާ ދުބާއީ، ދޯހާ، އަބޫ ދާބީ، ކުވެއިތު އަދި ބަހުރެއިން އެއާޕޯޓު ބަންދުކުރުމާ ގުޅިގެން ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ. މިކަމާ ގުޅިގެން މިނިސްޓަރު ވަނީ އެއާޕޯޓަށް ވަޑައިގެން، ފްލައިޓު ކެންސަލްވުމުގެ ސަބަބުން ތާށިވެފައި ތިބި ޓޫރިސްޓުންނާ ބައްދަލުކުރައްވައިފަ އެވެ.
އެއާޕޯޓުގައި ތިބި މީހުންނަށް ސަރުކާރުން އެހީތެރިވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވީ، "އަޅުގަނޑުމެން މި ފެސިލިޓޭޓް ކޮށްދެނީ އެ މީހުންނަށް އެ ކަންތައްތައް ކުރަން ފަސޭހަވާނެ ގޮތަކަށް. އަޅުގަނޑުމެން މި ޓޫރިސްޓުންނަށް ޓިކެޓް ނަގައިދެނީކީ ނޫން، ނޫނީ ހޮޓާ ޕްރޮވައިޑް ކޮށްދެނީއެއް ނޫން. އެކަމަކު އެއާޕޯޓުގައި ތިބެން ބޭނުންވާ ޓޫރިސްޓުންނަށް، އެތަނުގައި ތިބެވޭނެ ގޮތާއި، ފެނާއި، ވައިފައި އާއި، އެކަހަލަ ފެސިލިޓީޒްތައް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، މެދުއިރުމަތީގައި ޓްރާންސިޓް ނުކޮށް އާދެވޭނެ ގޮތްތައް ސަރުކާރުން އަންނަނީ ހޯދަމުންނެވެ. އެގޮތުން، ރަޝިއާގެ އިތުރުން އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ރާއްޖެ އަންނަ ޑައިރެކްޓް ފްލައިޓުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވަނީ އެމެރިކާ އާއި އިޒުރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ދިން ހަމަލާތަކުގެ ތެރެއިން ބައެއް ޑްރޯންތަކާއި މިސައިލްތައް އެކި ސަރަހައްދުތަކަށް ވެއްޓިފައިވާއިރު، އޭގެ ތެރޭގައި ބައެއް އެއާޕޯޓުތައް ވެސް ހިމެނެ އެވެ.
