ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ ޒަމާނީ އާލާތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އެންމެ ފަހުގެ ކާޑިއޯވަސްކިއުލާ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލެ ހޮސްޕިޓަލަށް ހަދިޔާކޮށްފި އެވެ. މިއީ ހާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި ފޯރުކޮށްދިން މެޝިނެކެވެ.
ޖީއީ ހެލްތުކެއާ ބްރޭންޑުގެ ވިވިޑް އީ95 ސިސްޓަމް ތައާރަފުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ތަމްރީނު ސެޝަނަކާ އެކުގަ އެވެ. މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަންނީ މުވައްޒަފުންގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބައެއް މަންދޫބުން ވެސް ބައިވެރިވެފައިވެ އެވެ.
މި ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިން ސިސްޓަމަކީ ހިތުގެ ބައިތަކާއި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލައިލެވޭނެހެން ފަރުމާކޮށްފައިވާ މެޝިނެކެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންގެ އިތުރުން އަލަށް އުފަންވާ ކުދިންނަށް ހާއްސަ ޕްރޯބްތައް ހިމެނެ އެވެ. މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ މައްސަލަތައް ދެނެގަތުމަށާއި، ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ އެވެ.
މެޝިން ފޯރުކޮށްދިނުމުގެ އިތުރުން، އެ އިންސްޓޯލްކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ ކަންކަން ވެސް ކުރިއަށްގެންދަނީ އެސްޓީއޯ އިންނެވެ. އަދި އެ ކުންފުނީގެ ބަޔޯމެޑިކަލް އިންޖިނިއަރުންނާއި ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން މެދުވެރިކޮށް، މެދުނުކެނޑި ފަންނީ އެހީތެރިކަމާއި އާފްޓާ-ސޭލްސް ސާވިސް ފޯރުކޮށްދޭނެ އެވެ. މީގެ ބޭނުމަކީ މެޝިން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭކަން ކަށަވަރުކުރުމެވެ.
އެސްޓީއޯ އިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި މި ސިސްޓަމް ބަހައްޓައި ހިދުމަތްދޭން ފެށުމަކީ ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ކާޑިއެކް، ޕީޑިއަޓްރިކް އަދި ނިއޯނޭޓަލް ހިދުމަތްތައް ހަރުދަނާކޮށް، ސިއްހީ ފަރުވާއަށް ބޭރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
