އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ކުވޭތުގެ ވައިގެ ދިފާއީ ނިޒާމަށް އޮޅިގެން އެމެރިކާގެ އެފް-15 މަރުކާގެ ތިން ފައިޓާ ޖެޓު ވައްޓާލައިފި އެވެ. މިއީ އީރާނުން ކުވޭތަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކެއް ކަމަށް ހީކޮށް ކުވޭތުގެ ދިފާއީ ނިޒާމަށް އޮޅިގެން ދެވުނު ހަމަލާތަކެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ މި ހާދިސާގައި ވެއްޓުނު ތިން ބޯޓުގައި ތިބި ހަ ކްރޫން ވެސް ފުންމާލައިގެން ސަލާމަތްވެފައިވާ ކަމަށާއި، އެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ. މިއީ އޮޅިގެން ހިނގި ކަމެއްކަން ކުވޭތުން ބަލައިގަނެފައިވާ ކަމަށާއި، މިހާރު ދެ ގައުމު ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ސެންޓްކޮމް އިން ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ. އީރާނުން ވެސް ރައްދުގައި ގަލްފުގެ ގައުމުތަކަށް ޑްރޯން އާއި މިސައިލުން ހަމަލާދެމުންދާއިރު، މި ހާދިސާއާ ގުޅިގެން ވެސް އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެމެރިކާއިން ބުންޏެވެ.
