އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތައް ކާމިޔާބުވަންދެން ކުރިއަށް ގެންދާނެ ކަމަށާއި، މި ހަނގުރާމަ ހަތަރު ހަފުތާ ނުވަތަ އެއަށްވުރެ އަވަހަށް ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އެޕިކް ފިއުރީ" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކަނޑައަޅާފައިވާ ހުރިހާ އަމާޒަކަށް ވާސިލުވަންދެން މެދުކެނޑުމެއްނެތި ހަމަލާތައް ދޭނެ ކަމަށެވެ.

އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާގެ ތިން ސިފައިން މަރުވެފައިވާކަން ފާހަގަކުރައްވައި ޓްރަމްޕް ވަނީ، ހަނގުރާމަ ނިމުމުގެ ކުރިން އެމެރިކާގެ އިތުރު ސިފައިން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް، އެމެރިކާގެ ސިފައިންނަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރާނެ ކަމަށާއި، މި ހަނގުރާމައިގެ މައިގަނޑު ބޭނުމަކީ އީރާނުގެ ނިއުކްލިއާ ނުރައްކަލާއި މިސައިލްގެ ބާރުވެރިކަން ނައްތާލުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އާއި އިތުރު އިސް އޮފިޝަލުންތަކެއް މަރާލާފައިވާއިރު، އީރާނުގެ އާ ލީޑާޝިޕާ އެކު މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް މަޝްވަރާތައް ފެށުނަސް ހަމަލާތައް މެދުކަނޑާނުލާނެ ކަމަށް ވައިޓް ހައުސް އިން ބުންޏެވެ. އަނެއްކޮޅުން އީރާނުގެ އިސް އޮފިޝަލުން ވަނީ މިހާރު އޮތް ހާލަތުގައި އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، ހަމަލާތަކަށް ރައްދުދެމުން ގެންދާނެ ކަމަށް ބުނެފަ އެވެ.