އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ ނަމަވެސް، އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުން ބުނެފި އެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ލާރިޖާނީ ބުނީ، އީރާނުން އެމެރިކާއާ އެކު މަޝްވަރާ ނުކުރާނެ ކަމަށެވެ. އަދި އީރާނުން ސިއްރުން މަޝްވަރާކުރަން އުޅޭ ކަމަށް ބުނެ ބޭރުގެ މީޑިއާތަކުން ފަތުރަމުންދާ ހަބަރުތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ސަރަހައްދުގައި ހަމަނުޖެހުން އުފައްދަވަން ކަމަށް ވެސް ލާރިޖާނީ ބުންޏެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ އާ ލީޑާޝިޕާ އެކު މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ އަމާޒަށް ވާސިލުވަންދެން ހަމަލާތައް މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން ބްރެންޓް ކްރޫޑް ތެލުގެ އަގު 13 ޕަސަންޓު އުފުލި، ފީފާއެއްގެ އަގު 82 ޑޮލަރަށް ވަނީ އަރާފަ އެވެ. މިއީ ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން އުފެދުމާ ގުޅިގެން އައި ބަދަލެކެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ އިން ބުނީ، އެއްވެސް މަރުކަޒަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި އެއްވެސް ސަރަހައްދަކުން ރޭޑިއޭޝަން ލީކުވެފައި ނުވާ ކަމުގެ ޔަގީންކަން ވެސް އެ އޭޖެންސީން ވަނީ ދީފަ އެވެ.