އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިޒުރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫގެ އޮފީހަށާއި ވައިގެ ސިފައިންގެ ކޮމާންޑަރުގެ މަރުކަޒަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިން ކަމަށް ބުނެފި އެވެ.

އީރާނުން ދިން ކަމަށް ބުނާ މި ކުއްލި ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ ދިފާއީ ނިޒާމުތަކަށް އޮޅުވާލުމުގެ ގާބިލުކަން ލިބިފައިވާ "ހައިބަރު ޝެކާން" ބެލިސްޓިކް މިސައިލެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ނަތަންޔާހޫގެ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ހަމަލާއަށް ފަހު އޭނާގެ ހާލަތު ހުރި ގޮތެއް އަދި ނޭނގެ އެވެ.

ނަމަވެސް، އިޒުރޭލުގެ އޮފިޝަލުން ވަނީ އީރާނުގެ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ފޮނުވާލި ގިނަ މިސައިލްތައް އިޒުރޭލުގެ ދިފާއީ ނިޒާމު ކަމަށްވާ "އަޔަން ޑޯމް" އިން ވަނީ ވައްޓާލާފަ އެވެ. އަދި އެއްވެސް މަރުކަޒަކަށް ސީދާ ހަމަލާއެއް އަރާފައިވާކަން ކަށަވަރުނުވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ.

މިކަމާ ގުޅިގެން އިޒުރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނީ، "މިއީ އީރާނުގެ ދިފާއީ ނިޒާމު ފެއިލްވުމާ ގުޅިގެން އެމީހުން ފަތުރަމުންދާ ޕްރޮޕެގެންޑާތަކެއް،" ކަމަށެވެ. އަދި މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

އިޒުރޭލުގެ އަސްކަރިއްޔާގެ ވާހަކަތަކަށް ބާރުދެމުން، ނަތަންޔާހޫގެ އޮފީހާ ގާތް ފަރާތްތަކުން ވެސް ވަނީ އޭނާ ހުރީ ސަލާމަތުން ކަމަށާއި، އޮޕަރޭޝަންތަކުގެ ކަންކަން އޭނާ ބަލަހައްޓަވަމުން ގެންދަވާ ކަމަށް ބުނެފަ އެވެ.

އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ތިން ދުވަސް ވެފައިވާއިރު، ދެ ފަރާތުން ވެސް އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.