އެމެރިކާ އާއި އިޒުރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ކުރިން، ރަޝިއާއަށް ވަޑައިގެން ހިމާޔަތް ހޯއްދެވުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ދެއްވި ދައުވަތަށް އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ދެކޮޅުހައްދަވައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ރިޕޯޓުތައް ބުނާ ގޮތުގައި، ހަމަލާތަކުގެ ކުރިން ފިއްލަވަން ޕޫޓިން ފުރުސަތު ދެއްވި ނަމަވެސް، ހާމަނާއީ ނިންމެވީ ތެހެރާނުގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުގައި މަޑުކުރެއްވުމަށެވެ. އަދި މި ހަމަލާތަކުގައި އެމަނިކުފާނު ވަނީ އަވަހާރަކޮށްލާފަ އެވެ.
ހާމަނާއީ އަމިއްލަ ގައުމުގައި މަޑުކުރެއްވި ކަމުގެ ވާހަކަތައް އީރާނަށް ތާއީދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާއިރު، އިޒުރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫ ޖަރުމަނަށް ނުވަތަ އެހެން ގައުމަކަށް ފިއްލަވައިފި ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އިޒުރޭލުގެ އޮފިޝަލުން ވަނީ މި ވާހަކަތައް ދޮގުކޮށް، ނަތަންޔާހޫ ހުންނެވީ ރައްކާތެރި ތަނެއްގައި މަސައްކަތް ކުރައްވަން ކަމަށް ބުނެފަ އެވެ. ރަޝިއާގެ ކްރެމްލިން އިން މި ދައުވަތުގެ ވާހަކަ ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ރަޝިއާ އިން ވަނީ ހާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކޮށް، އެއީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ ރަޝިއާއިން ވަނީ އެމެރިކާ އާއި އިޒުރޭލުގެ އަމަލުތަކުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެންދާ ފަދަ ހާލަތަކަށް ސަރަހައްދު ވެއްޓިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެމެރިކާ އާއި އިޒުރޭލު ގުޅިގެން "އެޕިކް ފިއުރީ" ގެ ނަމުގައި ފަށާފައިވާ މި އޮޕަރޭޝަންގައި އީރާނުގެ ނިއުކްލިއާ އަދި މިސައިލް މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ވެސް އަންނަނީ އިޒުރޭލަށާއި ގަލްފުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ.
