އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ އަކީ އިޒުރޭލުގެ ޖާސޫސީ އިދާރާ، މޮސާޑަށް މަސައްކަތްކޮށްދޭ އެޖެންޓެއް ކަމަށް ތުހުމަތުކޮށް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފި އެވެ. ކުރިން ގައުމީ ބަތަލެއްގެ ގޮތުގައި ބެލެވުނު ގާނީ ހައްޔަރުކޮށްފައިވަނީ އީރާނުގެ އެންމެ އިސް ލީޑަރު ސައްޔިދު އަލީ ހާމަނާއީ އަވަހާރަކޮށްލި ހަމަލާގެ ފަހަތުގައި އޭނާގެ އަތެއްވާ ކަމަށް ބެލެވޭތީ އެވެ.
އީރާނުގެ ސަލާމަތީ ހިދުމަތްތަކުން ބުނި ގޮތުގައި، ހާމަނާއީ އަވަހާރަވީ އެމެރިކާ އާއި އިޒުރޭލުން ގުޅިގެން ދިން ވަރުގަދަ ހަމަލާއެއްގަ އެވެ. މި ހަމަލާ ދީފައިވަނީ އިސްމާއިލް ގާނީ، ހާމަނާއީއާ ބައްދަލުކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ. މީގެ ކުރިން ވެސް އިޒުރޭލުން ދީފައިވާ ގިނަ ހަމަލާތަކަކުން ގާނީ އާދަޔާ ހިލާފު ގޮތަކަށް ސަލާމަތްވެފައިވާތީ، އޭނާއަށް ކުރެވޭ ތުހުމަތުތައް ވަނީ ބޮޑުވެފަ އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިޒުރޭލުން ދާދިފަހުން އަވަހާރަކޮށްލި އިސް ލީޑަރުން ކަމަށްވާ ހިޒްބުاللهގެ ހަސަން ނަސްރުالله އާއި ހަމާސްގެ އިސްމާއިލް ހަނިއްޔާ އަވަހާރަވީ ވެސް ގާނީ އެ ބޭފުޅުންނާ ބައްދަލުކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ. އަދި 2025 ވަނަ އަހަރު ހިނގި ހަނގުރާމައިގައި އީރާނުގެ އިސް އޮފިޝަލުންތަކެއް އަވަހާރަވީ ވެސް ގާނީ އެ ބޭފުޅުންނާ އެކު ތިއްބަވަނިކޮށް ދިން ހަމަލާތަކެއްގަ އެވެ. މިއީ އޭނާގެ މަގާމާއި ޝަރަފުގެ ނިވާފަތްގަނޑުގައި ހުރެ ގައުމަށް ޣައްދާރުވުން ކަމަށް އީރާނުން ވަނީ ސިފަކޮށްފަ އެވެ.
