ހާމަނާއީ އަވަހާރަކޮށްލުން
28 ފެބްރުއަރީ 2026 ގައި އެމެރިކާ އާއި އިޒުރޭލު ގުޅިގެން ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އީރާނުގެ އެންމެ އިސް ލީޑަރު ސައްޔިދު އަލީ ހާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ. މި ހަމަލާ އަމާޒުކުރީ އޭނާ ދިރިއުޅުއްވާ ރަސްމީ މަރުކަޒަށެވެ. މި ހާދިސާއާ ގުޅިގެން އީރާނުގައި 40 ދުވަހުގެ ގައުމީ ހިތާމަ އިއުލާނުކޮށްފައިވާއިރު، ގައުމު ހިންގުމަށް ތިން މީހުންގެ ކައުންސިލެއް ވަނީ އެކުލަވާލާފަ އެވެ. މި ހާދިސާއަކީ އީރާނުގެ ލީޑާޝިޕަށް ކުރިމަތިވި އެންމެ ބޮޑު ސިހުމެވެ.
2025 ގެ ހަނގުރާމަ އާއި އިސްވެރިން މަރާލުން
މި ހަމަލާގެ ކުރިން 2025 ވަނަ އަހަރުގެ ޖޫން މަހު އިޒުރޭލުން ހިންގި "އޮޕަރޭޝަން ރައިޒިން ލަޔަން" ގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިން ކަމަށްވާ ހުސައިން ސަލާމީ އާއި މުހައްމަދު ބާގިރީ ފަދަ ބޭފުޅުން ވަނީ އަވަހާރަކޮށްލާފަ އެވެ. މީގެ އިތުރުން ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އާއި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ ވެސް އީރާނުގެ ސަލާމަތީ ނިޒާމަށް ލިބުނު ބޮޑެތި ނާކާމިޔާބީތަކެވެ. މި ހުރިހާ ހަމަލާތަކެއްގައި ވެސް އިޒުރޭލަށް ބޭނުންވާ ސިއްރު މައުލޫމާތުތައް ލިބިފައިވަނީ އީރާނުގެ އެތެރެއިން ކަމަށް ބެލެވެ އެވެ.
އިސްމާއިލް ގާނީއަށް ކުރެވޭ ތުހުމަތުތައް
މި ހުރިހާ މަރަކާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް ކުރެވިފައިވަނީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީއަށެވެ. އޭނާ އަކީ އިޒުރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ އެޖެންޓެއް ކަމަށް ބުނެ ގިނަ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ހާމަނާއީ އަވަހާރަވި ހަމަލާގެ ދުވަހު ހެނދުނު ގާނީ ވަނީ ހާމަނާއީއާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް ހަމަލާގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ އެތަނުން ނުކުމެވަޑައިގެން ސަލާމަތްވުމަކީ ސަލާމަތީ ފަރާތްތަކުގެ ޝައްކު ބޮޑުވި ކަމެކެވެ.
މީގެ އިތުރުން ނަސްރުالله އާއި ހަނިއްޔާ އަވަހާރަކޮށްލި އިރު ވެސް ގާނީ އެ ސަރަހައްދުގައި ހުންނެވި ކަމަށާއި، އޭނާ ބައްދަލުކުރައްވާ ކޮންމެ އިސް ވެރިޔަކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަވަހާރަކޮށްލާފައިވާކަން ފާހަގަކުރެވެ އެވެ.
އިސްމާއިލް ގާނީ މިހާރު ހުރީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައި ނުވި ނަމަވެސް، އީރާނުގެ އެތެރޭގައި ބޮޑު ބަގާވާތެއް ހިނގާފައިވާ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފަ އެވެ. ގައުމީ ބަތަލެއްގެ ގޮތުގައި ބެލެވުނު މީހަކު ޣައްދާރަކަށް ވުމަކީ އީރާނުގެ މުސްތަގުބަލަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
