ރޯދަ މަސް ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އެ މުއްދަތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ އެންމެ ދެ ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ އޮފީހުން ބުނީ ރޯދަ މަސް ފަހު 10 އެއްގައި އެ ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ މާރިޗު 11 އަދި 18 ވަނަ ދުވަހު ކަމަށެވެ. އެ ދެ ދުވަހު ބޭންކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ބޭންކުގެ ބްރާންޗުތައް ބަންދުވި ނަމަވެސް، އޮންލައިން ބޭންކިންގެ ހުރިހާ ހިދުމަތެއް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މީގެ އިތުރުން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވެސް ހިދުމަތް ދޭނީ މާރިޗު 11 އަދި 18 ވަނަ ދުވަހު އެވެ. އެމްއެމްއޭ ހުޅުވާފައި ހުންނާނީ އެ ދެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.