ކުޅިވަރާ ގުޅުންހުރި ރަސްމީ ހުރިހާ ހިދުމަތްތަކެއް އެއް މަންސައަކުން ލިބޭނެ ގޮތަށް "މީސް ޕޯޓަލް" އަޕްގްރޭޑްކޮށް، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ރީބްރޭންޑްކޮށް ލޯންޗުކުރަން ނިންމައިފި އެވެ. މިއީ ކުޅިވަރުގެ ދާއިރާ ޑިޖިޓަލްކޮށް، މުއާމަލާތްތައް އަވަސްކުރުމަށް ގެނައި ބޮޑު ބަދަލެކެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބު ޖަމިއްޔާތައް އެއް ނިޒާމަކުން ގުޅާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ޕޯޓަލް ލޯންޗުކުރުމުން "ވަންގަވް" މެދުވެރިކޮށް ކުޅިވަރު ކޮމިއުނިޓީގެ ހުރިހާ މުއާމަލާތެއް ކުރެވޭނެ އެވެ.
ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ، "ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި އެސޯސިއޭޝަން ތަކާއި ކުލަބު ޖަމިއްޔާތައް ވެސް ހިމެނޭގޮތަށް ބަދަލުކުރެވޭ މައުލޫމާތުތައް ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުން. އަޅުގަނޑުމެން މިހާރު މިވަނީ އަޅުގަނޑުމެންގެ މިހާރު އޮތް ސޮފްޓްވެއަރ އިތުރަށް އަޕްގްރޭޑުކޮށް، އެހެން ޕްލެޓްފޯމަކަށް ބަދަލުކުރެވިފައި. އެ މަސައްކަތް މިހާރު މިވަނީ ނިމިފައި،" ކަމަށެވެ.
މި ބަދަލާއެކު ކުލަބުތަކަށް ރަޖިސްޓްރޭޝަން ހުށަހެޅުމާއި، ހިންގާ ގަވައިދު ބަދަލުކުރުމުގެ އިތުރުން ކުޅުންތެރިންގެ ރިލީޒް ހޯދުމަށް ހުށަހެޅުން ވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ. އަދި ހުރިހާ ލިޔެކިޔުންތަކެއް ޑިޖިޓަލްކޮށް އަރުޝީފު ކުރެވި، ކުޅިވަރުގެ އެންމެހާ ކަންކަން އެއް މަންސައަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
