އީރާނުން ދިން މިސައިލް ހަމަލާތަކުގައި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލާފައިވާ ކަމަށް ބުނެ ފެތުރިފައިވާ އަޑުތައް، އޭނާ އަމިއްލައަށް ވީޑިއޯއެއް މެދުވެރިކޮށް ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މި އަޑުތައް ގަދަވީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނަތަންޔާހޫގެ އޮފީހަށް ހަމަލާދިން ކަމަށް ބުނެ، އޭނާގެ ހާލަތު ސާފުނުވާ ކަމަށް ބުނުމާ ގުޅިގެންނެވެ. ނަމަވެސް، ހަމަލާދީފައިވާ ސަރަހައްދެއްގައި ހުރެ ނަތަންޔާހޫ ވަނީ ވީޑިއޯއެއް އާންމުކޮށް، އޭނާ ހުރީ ސަލާމަތުން ކަމަށް ބުނެފައެވެ.

އެ ވީޑިއޯގައި ނަތަންޔާހޫ ބުނީ، އީރާނުގެ އަނިޔާވެރިން އަމާޒުކުރަނީ އާންމުންނަށް ކަމަށާއި، ނަމަވެސް އޭނާގެ އަމާޒަކީ އާންމުން ސަލާމަތްކުރުމަށްޓަކައި އީރާނުގެ ވެރިންނަށް ހަމަލާދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އީރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދިނެވެ.

މި ހަމަލާތައް ވަރުގަދަވެފައިވަނީ، އިޒުރޭލާއި އެމެރިކާ ގުޅިގެން ދިން ހަމަލާއެއްގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އާއި ކުރީގެ ރައީސް މަހްމޫދު އަހުމަދީނީޖާދު މަރާލުމާ ގުޅިގެންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަނާއީ މަރުވިކަން ކަށަވަރުކޮށްދީފައެވެ.

މި ހަނގުރާމައިގެ ތިންވަނަ ދުވަހަށް ދާއިރު، ދެ ފަރާތުން ވެސް އަންނަނީ މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.