އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާއާ ގުޅުން އޮތް ތެޔޮ ޓޭންކަރަކަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ބައިވެރިއެއް ކަމަށްވާ "އޭތީ ނޯވާ" (ATHE NOVA) ނަމަކަށް ކިޔާ މި ޓޭންކަރަށް ދެ ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމަލާއާ ގުޅިގެން އެ އުޅަނދުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ ކަމަށާއި، އަދިވެސް އަލިފާން ނިއްވާލެވިފައި ނުވާ ކަމަށް އެ ގައުމުން މައުލޫމާތު ދެއެވެ.

އެމެރިކާއާއި އިސްރާއީލުގެ އުދުވާނާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އިރާނުގެ އެލީޓް ފޯސްއިން ހޮނިހިރު ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ބާޒާރުގައި ވިޔަފާރިކުރާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މަގަށް ވާއިރު، ގަތަރާއި ޔޫއޭއީ އިން ބޭރުކުރާ ގުދުރަތީ ގޭހުގެ ބޮޑު ބައެއްވެސް އުފުލަނީ މި ސަރަހައްދުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި ދުވާލަކު ބޭނުންކުރާ ތެލުގެ 20 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ކޮންމެ ދުވަހަކުވެސް މި ހަނި ކަނޑުއޮޅިން ހުރަސްކުރެއެވެ.

މި ހަމަލާއާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ތެލުގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.