ތަފާތު އެކި މައުޟޫތަކަށް އެކި ފަންތީގެ ބޭފުޅުން އެއްތަނަކަށް އައިސް ހިޔާލު ފާޅުކޮށް މަޝްވަރާތައް ކުރުމަށް ދިވެހީންގެ ތެރޭގައިވެސް ޚާއްސަ މަޤްބޫލު ކަމެއް ހޯދާފައިވާ ކްލަބްހައުސް އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ސޯޝަލް އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެޕްލިކޭޝަން. ހަފްތާއެއްގެ ތެރޭގައި 10 މިލިއަނަށްވުރެގިނަ ކްލަބްހައުސް އެކްޓިވް ޔޫޒާސް ތިބިއިރު އެޕްލިކޭޝަންގެ އައިކަންގަ ރީތި ބޮޑު ހިނިތުންވުމެއްގައި އެ ފެންނަ އަންހެނަކީ ކާކުކަން އެނގޭތަ؟
2020 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކްލަބްހައުސް ލޯންޗުކޮށް އެ އެޕްލިކޭޝަންގެ އައިކަންގެ ގޮތުގައި މިހާތަނަށް ބޭނުންކޮށްފައިވަނީ ކޮންމެސް ފަރާތެއްގެ ފޮޓޯއެއް. އެގޮތުން އެންމެ ފަހުން ކްލަބްހައުސްގެ އެޕްލިކޭޝަން އައިކަންގެ ގޮތުގައި ބޭނުންކޮށްފައި އެވަނީ ބްރެޒިލްއަށް ނިސްބަތްވާ ޑޭންޑަރާ ޕަގޫ. އޭނާ އަކީ އިންސާނީ ހައްގުތަކަށާއި ނަސްލީ ތަފާތުކުރުން ނައްތާލުމަށާއި މިނޫންވެސް އެކި ކަންކަމުގައި ވާކާލާތު ކުރަމުން އަންނަ ބްރެޒިލްގެ އަންހެނެއް.
ފަގީރުކަމުގެ ހާލުގައި އެތަކެއް އަނިޔާއެއް ތަހައްމަލުކޮށް އިންސާނީ ހައްގު ހޯދުމަށާއި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ތެދުވި ހިތްވަރުގަދަ އަންހެނެއްގެ ގޮތުގައި ޑޭންޑަރާ ފާހަގަވެފައިވާއިރު ކްލަބްހައުސްގެ އެޕްލިކޭޝަން އައިކަންގެ ގޮތުގައި އޭނާގެ ފޮޓޯ ބޭނުންކޮށްފައި ވަނީ އޭނާގެ ހިތްވަރާއި އެ ފޮޓޯގައި އެފެންނަ ރީތި ބޮޑު ހިނިތުންވުމަކީ ކްލަބްހައުސް އޭގެ އެންމެ ރަނގަޅުގޮތުގައި ސިފަކޮށްދޭ ކަމަކަށްވާތީ. ކްލަބްހައުސް އިން ފާހަގަ ކުރާގޮތުގައި އެކި ހިސާބުން އެކި މީހުން އެއްތަނަކަށްގެނެސް ގުޅުވައިދޭ ކްލަބްހައުސްގެ އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔަނީ ހިތްވަރުގަދަ ޑޭންޑަރާ އޭނާގެ ހިނިތުންވުން ފެންނަ އެ ފޮޓޯއިން.
ކްލަބްހައުސް ހިންގާ ފަރާތްކަށް ޑޭންޑަރާ އެންމެ ފުރަތަމަ ފާޙަގަވެގެން ގޮސްފައިވަނީ އޭނާ އަމިއްލައަށް މޮޑަރޭޓް ކޮށްގެން ކުރިއަށްގެންދިޔަ ކްްލަބްހައުސްއެއްގައި އިގްތިޞާދާއި ނަސްލީތަފާތު ކުރުންފަދަ މައުޟޫތަކުގައި ވަކާލާތުކޮށް އޭނާ ނުދަންނަ އެތައްބަޔަކަށް ހައްގު ހޯދުމުގައި އެހީތެރިވެދިނުމުގައި ދެއްކެވި ވާޙަކަތަކުގެ ސަބަބުން. އޭނާއަކީ މިހާރު ބްރެޒިލް އާއި ގަލްފުގެ ގައުމުތަކުގައި އިންސާނީ ހައްގުތަކަށާއި ނަސްލީ ތަފާތުކުރުން ނައްތާލުމަށް ވަކާލާތުކުރަމުން އަންނަ އެތައްބައެއްގެ މަގުބޫލުކަން ހޯދައިފަވާ އެކްޓިވިސްޓެއް.
ޑޭންޑަރާ ފާޙަގަ ކުރާގޮތުގައި ކްލަބްހައުސްގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ އަޑު އުފުލައި، އެމީހަކަށް ދިމާވެފައިވާ ކަންކަން ހިއްސާކޮށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ. އޭނާ އެ ޕްލެޓްފޯމަށް ވަންނަން މެދުވެރިވި ސަބަބަކީ ވެސް އެއީކަމަށް އޭނާ ފާހަގަކުރޭ.
