ކެއުމަށްފަހު ފޮނި އެއްޗެއްގެ ގޮތުގައި ބޭނުންކޮށްލަން އެންމެ މީރު އެކައްޗަކީ ޗޮކްލެޓް މޫސްއެވެ. ގިނަ ފަހަރަށް މިއީ ތައްޔާރުކުރަން އުނދަގޫ އެއްޗެއް ކަމަށް ހީވި ނަމަވެސް، މި ފަސޭހަ ރެސިޕީގެ އެހީގައި އެންމެ ތިން ބާވަތުން، ރެސްޓޯރެންޓްތަކުން ލިބޭ ފަދަ މީރު މޫސްއެއް މިހާރު ގޭގައި ތައްޔާރުކޮށްލެވޭނެއެވެ.
ބޭނުންވާ ތަކެތި:
12 އައުންސް ޗޮކްލެޓް (ޗިޕްސް ނުވަތަ ކުދިކޮށް ކޮށާފައި)
4 އައުންސް މިނީ މާޝްމެލޯ
2 ޖޯޑާއި ބައި ހެވީ ކްރީމް
ކުޑަ ލޮނުކޮޅެއް އަދި ކުޑަ ފެންފޮދެއް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ މައިކްރޯވޭވް ކުރެވޭ ފަދަ ތައްޓެއްގައި ޗޮކްލެޓާއި، މާޝްމެލޯ އަދި ލޮނުކޮޅު އެއްކުރުމަށްފަހު، ރަނގަޅަށް ދިޔާވަންދެން މައިކްރޯވޭވް ކޮށްލާށެވެ. ކޮންމެ 30 ސިކުންތަކުން އެއްފަހަރު ނަގައި ގިރާލަންވާނެއެވެ. ދިޔާވުމުން އޭގެ ތެރެއަށް މަޑުމަޑުން ފެންފޮދު އަޅައި އެއްކުރުމަށްފަހު، އާދައިގެ ހޫނުމިނަށް އަންނަންދެން ބަހައްޓާށެވެ.

ދެން އެހެން ތައްޓެއްގައި 2 ޖޯޑު ކްރީމް އަޅައި، މިކްސަރުން ރަނގަޅަށް އޮލަވަންދެން ގިރާށެވެ. ކްރީމްތައް އޮލަވުމުން، ކުރިން ތައްޔާރުކުރި ޗޮކްލެޓް މިކްސްޗަރާ އެކު ތިން ބަޔަށް ބަހާލައިގެން މަޑުމަޑުން އެއްކުރަމުން ގެންދާށެވެ. މިގޮތަށް އެއްކުރާއިރު މާ ބާރަށް ނުގިރުމަށް ސަމާލުކަން ދޭންވާނެއެވެ.
އެއަށްފަހު، ތައްޔާރުކުރި މޫސްތައް ތަށިތަކަށް އަޅައި، ސެޓުވުމަށްޓަކައި ގާތްގަނޑަކަށް 30 މިނެޓު ވަންދެން ފިނިކުރަން ފްރިޖަށް ލާށެވެ.
ކެއުމަށް ސާވްކުރާއިރު، ބާކީ ހުރި ކްރީމްކޮޅު ގިރާލުމަށްފަހު މޫސްގެ މަތީގައި އަތުރާލެވިދާނެއެވެ. އަދި އިތުރަށް ރީތިކޮށްލުމަށް ސްޓްރޯބެރީ ފަދަ މޭވާއެއް ބޭނުންކުރެވިދާނެއެވެ. މި ރެސިޕީގެ ހާއްސަ ކަމަކީ ބިހުގެ ރީނދޫބައި ވަކިކުރަން ނުޖެހުމާއި ޖެލަޓިން ބޭނުންކުރަން ނުޖެހި، ވަރަށް ލުއި އަދި މީރުކޮށް މޫސް ތައްޔާރުކޮށްލެވުމެވެ.
