އިސްރާއީލާއި އެމެރިކާގެ ސިފައިން ގުޅިގެން ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ހަމަލާތައް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ހޮސްޕިޓަލްތަކަށް ދޭ ހަމަލާތަކަކީ ސީދާ އިންސާނީ ދިރުމަށް ދޭ ހަމަލާތަކެއް ކަމަށެވެ. އަދި ސްކޫލްތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ގައުމެއްގެ މުސްތަގުބަލު ނައްތާލުމަށް ދެވޭ ހަމަލާތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އީރާނުގެ ރައީސް އިތުރަށް ވިދާޅުވީ، ބަލިމީހުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ އިންސާނީ އަސާސީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު، ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި މިފަދަ ބޮޑެތި ޖަރީމާތައް މުޅި ދުނިޔެއިން ކުށްވެރިކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްރާއީލާއި އެމެރިކާއިން ހިންގަމުންދާ މިފަދަ ޖަރީމާތަކުގެ ކުރިމަތީގައި އީރާނުން ހަނު ނޯންނާނެ ކަމަށާއި، އެއްވެސް ހާލެއްގައި މި އަނިޔާވެރިކަމަށް ބޯނުލަނބާނެ ކަމުގެ ޔަގީންކަން ރައީސް ޕެޒެޝްކިއަން ވަނީ ދެއްވާފައެވެ.

މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ހަމަލާތަކެއްކަން ފާހަގަކުރެވެއެވެ.