ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ އެމެޒޯން ވެބް ސާވިސަސް ގެ ޑޭޓާ ސެންޓަރަކަށް ގޮތް ނޭނގޭ "އެއްޗެހިތަކަކުން" ހަމަލާދިނުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަހައްދުގެ ކްލައުޑް ކޮމްޕިއުޓިންގް ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ.
އޭޑަބްލިއުއެސްގެ ރަސްމީ ސްޓޭޓަސް ޕޭޖުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުއެވެ. މި ހާދިސާއާ ގުޅިގެން ޔޫއޭއީގައި ހުރި އޭޑަބްލިއުއެސްގެ ދެ ކްލަސްޓަރއަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނު އިރު، ޚިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތަށް ގިނަ ގަޑިއިރުތަކެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ.
މި ކަމުގެ ސަބަބުން ޔޫއޭއީގެ އިތުރުން އަވަށްޓެރި ބަހުރޭނުގެ ޚިދުމަތްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ. ވަކިން ހާއްސަކޮށް، އޭޑަބްލިއުއެސްގެ އިންފްރާސްޓްރަކްޗާއަށް ބަރޯސާވާ މާލީ އިދާރާތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ. އަބޫދާބީ ކޮމާޝަލް ބޭންކުން ވަނީ އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަނާއި ޕްލެޓްފޯމްތަކުގެ ޚިދުމަތް މެދުކަނޑައިގެން ދިޔަކަން ކަށަވަރުކޮށްދީފައެވެ.
އެމެޒޯން އިން އެ ފެސިލިޓީއަށް ހަމަލާދިނީ ކޮން އެއްޗެއްކަން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، މި ހާދިސާ ހިނގާފައިވަނީ އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ފޮނުވާލި ދުވަހުއެވެ. މި ހަމަލާތަކަކީ އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ދިން ބަދަލުހިފުމުގެ ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ އަސްކަރީ ހަމަލާއެއްގެ ސަބަބުން އެމެރިކާގެ ބޮޑު ޓެކްނޮލޮޖީ ކުންފުންޏެއްގެ ޑޭޓާ ސެންޓަރެއްގެ ޚިދުމަތް މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން، ބައިނަލްއަގުވާމީ ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ވޮޝިންޓަންގެ 'ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް' (CSIS) އިން ދާދި ފަހުން އިންޒާރު ދީފައިވާ ގޮތުގައި، ޒަމާނީ ހަނގުރާމަތަކުގައި ދުޝްމަނުންގެ އަމާޒު ހަކަތައިގެ ވަސީލަތްތަކުން ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.
އޭޑަބްލިއުއެސް އިން ބުނީ ފެސިލިޓީ މަރާމާތުކުރުމާއި، ފިނިކުރާ ނިޒާމާއި ކަރަންޓު އިއާދަކުރުމަށް މަދުވެގެން އެއް ދުވަސް ނަގާނެ ކަމަށެވެ. އަދި ކްލައުޑްގެ މުހިންމު 12 ޚިދުމަތަކަށް މީގެ އަސަރުކޮށްފައިވާތީ، ކަސްޓަމަރުންގެ މުހިންމު ޑޭޓާތައް ބެކަޕްކޮށް، ވަގުތީ ގޮތުން އެހެން ސަރަހައްދުތަކުގެ ސާވަރުތަކަށް ޚިދުމަތްތައް ބަދަލުކުރުމަށް އެ ކުންފުންޏުން ވަނީ އިރުޝާދު ދީފައެވެ.
