ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި، ޗައިނާގެ ކުންފުންޏަކުން ދުނިޔޭގެ ފުރަތަމަ "ރޮބޮޓް ފޯނު" ރަސްމީކޮށް ދައްކާލައިފިއެވެ. މިއީ މީގެ ކުރިން ފޯނުތަކުން ނުފެންނަ ފަދަ ތަފާތު ޓެކްނޮލޮޖީއެއް ހިމަނައިގެން އުފައްދާފައިވާ އާދަޔާ ހިލާފު އުފެއްދުމެކެވެ.

މި ފޯނުގެ އެންމެ ހާއްސަ ސިފައަކީ އޭގެ ފަހަތުގައި ހަރުކުރެވިފައިވާ ރޮބޮޓިކް އަތެވެ. އާންމު ފޯނުތަކާ ހިލާފަށް، މި ފޯނުގެ މައިގަނޑު ކެމެރާ ހަރުކުރެވިފައިވަނީ ފޯނުގެ އެތެރެއިން ބޭރަށް ނިކުންނަ ގޮތަށް ފަރުމާކޮށްފައިވާ "ރޮބޮޓިކް އާމް" އެއްގައެވެ. މި ސިސްޓަމްގެ އެހީގައި ކެމެރާ 360 ޑިގްރީއަށް އަނބުރާލެވޭއިރު، މިއީ ލައިވް ސްޓްރީމް ކުރުމަށާއި ތަފާތު އެންގަލްތަކުން ވީޑިއޯ ކުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.

މި ރޮބޮޓިކް ކެމެރާގެ އިތުރުން، ފޯނުގެ ފަހަތުގައި އާންމުކޮށް ފޮޓޯއާއި ވީޑިއޯ ނެގުމަށް ބޭނުންކުރެވޭނެ އިތުރު ދެ ކެމެރާ ވެސް ހިމެނެއެވެ. ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ރޮބޮޓިކް ކެމެރާ ބޭނުންކޮށްގެން ސެލްފީ ނެގުމާއި ވީޑިއޯ ކޯލްތައް ވެސް ކުރެވޭނެއެވެ. އަދި ތަރިތައް ފޮޓޯ ނެގުމަށް ހާއްސަ "ސްޓާ ޓްރެކިންގ މޯޑް" އެއްވެސް މި ފޯނުގައި ހިމެނޭކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ފޯނުގެ "ގިމްބަލް މެކޭނިޒަމް" ފަރުމާކޮށްފައިވަނީ ކެމެރާ ވަރަށް އޮމާންކަމާއެކު ކަނާތުން ވައަތަށް ހަރަކާތްކުރެވޭ ގޮތަށެވެ. މި ފޯނުގެ އަގާއި އިތުރު ތަފްސީލުތައް އަދި ހާމަނުކުރި ނަމަވެސް، މިއަހަރުގެ ފަހު ހަ މަސްދުވަހުގެ ތެރޭގައި މި ފޯނު ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އާ އީޖާދަކީ ސްމާޓްފޯން އުފައްދާ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ކުންފުނިން އެންމެ ފުރަތަމަ މި ޓެކްނޮލޮޖީގެ ކުޑަ ތަަސްވީރެއް ދައްކާލާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.