ސްޓެލްކޯ އިން ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވަނީ އެކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްރޮގްރާމް ފުރިހަމަކޮށް ސްޓެލްކޯގެ 30 މުވައްޒަފުން ސެޓްފިކެޓް ޙާޞިލްކޮށްފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އާއި ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރެވެ.
"މި މަސައްކަތަކީ އަޅުގަނޑުމެން 2024 ވަނަ އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއެއްކޮށް ވެވުނު އެމްއޯޔޫއެއްގެ ދަށުން ކުރަމުން އައި ޙަރަކާތްތަކުގެ ތެރެއިން އެއްބައި.... އޭގެތެރޭ ހިމެނޭ އެއްކަންތައް އެމަރޖެންސީ ރެސްޕޮންސް ޕްލޭނެއް ތައްޔާރުކުރުމުގެ ކަންތައް. އޭގަ ހިމެނޭ އެއް ކަމަކީ އިވެކުއޭޝަން ޕްލޭނެއްގެ މަސައްކަތް." ސްޓެލްކޯގެ ޑީއެމްޑީ އަޒްވަރު ވިދާޅުވިއެވެ.
އަޒްވަރު ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯ އިން ބޭނުންވާ ފަޔަރ ވޯޑަނުން ތައްޔާރުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށާއި، އެކަމަށްޓަކައި އިތުރު ފަރާތްތައް ތައްޔާރުކުރުމުގެ މަރުހަލާގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ޓްރެއިން ދަ ޓްރެއިނާސް ޕްރޮގްރާމް ކަމަށެވެ. އެ ކުންފުނީގެ ލެވެލްގައި މި ތަމްރީން ޕްރޮގްރާމްގެ ބޭނުން ހިފައިގެން ޓްރެއިނަރުންގެ އެހީތެރިކަމާއެކު އަދި އިތުރު މުވައްޒަފުންނަށް ތަމްރީންތައް ކުރިއަށްގެންދެވިގެންދާނެ ކަމަށް ވެސް އަޒްވަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ވިދާޅުވީ، ކުންފުންޏެއް، މުއައްސަސާއެއް ނުވަތަ އޮފީހެއް، ވިލުންތެރި އޮފީހަކަށް ނުވަތަ ކުންފުންޏަކަށް ވަނީ ބޮޑެތި ކަންތައްތައް ދިމާވާ ވަގުތުތަކުގައި އެ ކުންފުނިތަކުން ނުވަތަ އޮފީސްތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ބުރޫނާރާ، މެދުކެނޑުމަކާއިނުލައި ކުރިއަށްގެންދިއުމުން ކަމަށެވެ.
ފަޔަރ ވޯޑަން "ޓްރެއިން ދަ ޓްރޭނަރ" މި ޕްރޮގްރާމަކީ، މަސައްކަތުގެ މާޙައުލުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާ ގުޅިގެން ކުރިއަށްގެންގޮސްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ، ކުއްލި ހާލަތްތަކުގައި ފަޔަރ ވޯޑަނުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޢިލްމާއި، ޢަމަލީ ހުނަރާއި، އުނގަންނައިދިނުމުގެ ފަންނީ ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ސްޓެލްކޯގައި ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ތަޖުރިބާކާރުންނެވެ.
