ލަލީގާގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑް ގެޓާފޭ ކައިރިން ބަލިވެ، ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ރެއާލް ގެޓާފޭ ކައިރިން ބަލިވީ ހަނިގޮތަކަށް 1-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ގެޓާފޭގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ސެޓްރިއާނޯއެވެ. ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ޖުމްލަ 8 ރީނދޫ ކާޑާއި 2 ރަތްކާޑު ފެނިގެންދިޔައެވެ. ރެފްރީގެ ނިންމުމަކާ ހިތްހަމަ ނުޖެހިގެން ކޮންޓްރޯލް ނުކުރެވި، ރެފްރީއާ ދިމާކޮށްލުމުން ރެއާލްގެ މަސްޓަންޓޫނޯއަށް ސީދާ ރަތްކާޑެއް މެޗުގެ އިތުރުވަގުތުގައިވަނީ ދައްކާފައެވެ. ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން، ފައިބަމުން ހަތަރުވަނަ ރެފްރީއާ ދިމާލަށްވެސް ކޮންމެވެސް އެއްޗެއް ބުނިތަން ފެނުނެވެ. އެހެންކަމުން، އޭނާއަށް ރަތްކާޑު ދެއްކުމުން އަންނަ ސަސްޕެންސަނުގެ އިތުރަށް، އަދި އިތުރު އަދަބެއް އަންނާނެކަމަށްބެލެވެއެވެ.

ރެއާލްވީ ބައްޔާއެކު އެއްވަނާގައި އޮތް ވާދަވެރި ބާސެލޯނާއާ ދެމެދު ހަތަރު ޕޮއިންޓަށް ތަފާތު ބޮޑުވީއެވެ. އަދި ޖެހިގެން އޮތް މެޗަށް އެޓީމުގެ މަސްޓަންޓޫނޯ، ހޮއިސަން، އަދި ކައްރެރަސް ވަނީ ސަސްޕެންޑްވެފައެވެ. އެހެންކަމުން ސެލްޓަވީގޯއާ ދެކޮޅަށް ނުކުންނައިރު ރެއާލްގެ ޑިފެންސްލައިންއިން މުހިންމު ކުޅުންތެރިންތަކެއް ނުފެންނާނެއެވެ. މިއީ އެޓީމު ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އެޅުނު އިތުރު ހުރަހެކެވެ.