މިހާރު ކުރިއަށްދާ އެންބީއޭ ޕްލޭއޮފްސްގެ ވެސްޓަން ކޮންފަރެންސް ފައިނަލްގައި ލޮސް އެންޖެލަސް ކްލިޕާސް 130-103 ގެ ނަތީޖާއަކުން ބަލިކޮށް ހަތް މެޗުގެ ސީރީޒް 4-2 އިން ކާމިޔާބުކޮށް ފީނިކްސް ސަންސް އިން އެންބީއޭ ފައިނަލްސް އިން ޖާގަ ހޯދައިފިއެވެ.
މިއީ ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި އެ ޓީމުން އެންބީއޭގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިހާތަނަށް އެ ޓީމުން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މި ދެ ފަހަރުވެސް އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބީއެވެ.
އެގޮތުން، 1993 ވަނަ އަހަރުގެ އެންބީއޭ ފައިނަލްސްގައި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މައިކަލް ޖޯޑަންގެ ޝިކާގޯ ބުލްސް އަތުން ބަލިވިއިރު، އޭގެކުރީން 1976 ވަނަ އަހަރު ކުޅުނު ފައިނަލްގައި ބަލިވީ ބޮސްޓަން ސެލްޓިކްސް އަތުންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު އެންބީއޭ ވެސްޓަން ކޮންފަރެންސްގެ ފައިނަލްގައި ކުޅުނު ފަސް މެޗަށްފަހު ސަންސް އޮތީ 3-2 އިން ކުރީގައެވެ. މި ސީރީޒްގެ ފުރަތަމަ ދެ މެޗު ސަންސް އިން ކާމިޔާބުކުރީ 120-114 އާއި 104-103 އިންނެވެ. އެކަމަކު، ދެން ކުޅެވުނު ތިންވަނަ މެޗު ކްލިޕާސް އިން 106-92 ގެ ތަފާތަކުން ކާމިޔާބުކޮށްފައިވަނިކޮށް ދެން ޖެހިގެންއައި މެޗު 84-80 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސަންސް ވަނީ ހަތް މެޗުގެ ސީރީޒްގައި 3-1 އިން ލީޑްނަގާފައެވެ. އޭގެފަހުން، ދެން ކުޅެވުނު ފަސްވަނަ މެޗު 116-102 އިން ކްލިޕާސް ކާމިޔާބުކޮށް ފަރަގު ކުޑަކުރިއެވެ.
ލޮސް އެންޖެލަސްގައި ހުންނަ ސްޓޭޕަލްސް ސެންޓާގައި ކުޅުނު މި ސީރީޒްގެ ހަވަނަ މެޗުގެ ފުރަތަމަ ދެ ކުއާޓާ ސަންސް އިން ގެންދިޔައީ 33-29 އާއި 33-28 އިންނެވެ. އޭގެފަހުން، ދެން ޖެހިގެންއައި ތިންވަނަ ކުއާޓާގައި ވެސް ކްލިޕާސް އަށް ފުރުޞަތެއްނުދީ 31-26 އިން ސަންސް ކުރިހޯދިއެވެ.
ފަހު ކުއާޓާގައި ކްލިޕާސް އިން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ މާކަސް މޮރިސް އާއި ނިކޮލަސް ބަޓޫމް ކާމިޔާބުކުރި ތްރީ ޕޮއިންޓްތަކުގެ އެހީގައި ދެ ޓީމުގެ ދެމެދުގައި އޮތް ބޮޑު ފަރަގު ނައްތާލައި، 82-89 އިން ސަންސްއާ ކައިރިކޮށްފައެވެ. އެކަމަކު، އޭގެފަހުން ސަންސްގެ ޕޮއިންޓް ގާޑް ކްރިސް ޕޯލް ވަނީ ފުލުފުލުގައި ކާމިޔާބުކުރި ދެ ތްރީ ޕޮއިންޓާއެކު 97-83 އިން އެ ޓީމަށް ފަރަގު ބޮޑުކޮށްދީފައެވެ.
މި މެޗުން ސަންސް މޮޅުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކްރިސް ޕޯލް ވަނީ އެ ޓީމަށް 41 ޕޮއިންޓް ހޯދައިދީ، 8 އެސިސްޓް ހަދާފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅު ޑެއަންޑްރޭ އައިޓަން 16 ޕޮއިންޓާއި، 17 ރީބައުންޑް ނެގިއިރު ޑެވިން ބޫކާ ވަނީ 22 ޕޮއިންޓް ހޯދައިދީފައެވެ. ކްލިޕާސް އިން އެންމެ ރަނގަޅަށް ކުޅުނީ 26 ޕޮއިންޓާއެކު ނުވަ ރީބައުންޑް ނެގި މޮރިސް އެވެ.
ވެސްޓަން ކޮންފަރެންސް ސެމީގައި ކްލިޕާސްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ކޯހީ ލެނާޑް އަށް އަނިޔާވުމުން ދެން އެންމެ ބޮޑު ޒިންމާއެއް އެޅުނު ޕޯލް ޖޯޖަށް ރޭގެ މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. މި ދެ ޓީމުގެ މެދުގައި އެންމެ ފަހުން ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯލް ޖޯޖަށް ރޭގެ މެޗުގައި ހެދުނީ 21 ޕޮއިންޓެވެ.
މި ފަހަރުގެެ އެންބީއޭ ޕްލޭއޮފްސްގައި ސަންސް އިން ވަނީ ލޮސް އެންޖެލަސް އަށް ނިސްބަތްވާ ދެ ޓީމު ވެސް ބަލިކޮށްފައެވެ. ފުރަތަމަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލޭކާސް ބަލިކުރިއިރު، ވެސްޓަން ކޮންފަރެންސްގެ ފައިނަލްގައި ކްލިޕާސް އަތުން މޮޅުވުމާއެކު މި އަހަރުގެ އެންބީއޭ ފައިނަލްސް އަށް ކުރިމަތިލާއިރު އެ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓަކީ ވެސް ސަންސް އެވެ.
އެންބީއޭ ފައިނަލްސްގައި ސަންސް ނިކުންނާނީ އީސްޓަން ކޮންފަރެންސްގެ ފައިނަލްގައި އެޓަލާންޓާ ހޯކްސްއާ މިލްވައުކީ ބަކްސް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި ދެ ޓީމުގެ މެދުގައި މިހާރު ކުރިއަށްދާ ހަތް މެޗުގެ ސީރީޒް އޮތީ 2-2 އިން އެއްވަރުވެފައެވެ.
