އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ހަނގުރާމައަށް ތިން ދުވަސް ވެފައިވާއިރު، ހަމަލާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދު 550 އަށް ވުރެ މައްޗަށް އަރައިފި އެވެ.
އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނި ގޮތުގައި، މިހާތަނަށް ކަށަވަރު ކުރެވުނު މަރުގެ އަދަދަކީ 555 އެވެ. މީގެ ތެރޭގައި އާންމުންނާއި އަސްކަރީ މީހުން ހިމެނޭއިރު، އީރާނުގެ ބައެއް ސްކޫލްތަކަށް ދިން ހަމަލާތަކުގައި އެކަނި ވެސް 150 އަށް ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބައެއް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މަރުވި އާންމުންގެ އަދަދު 740 އަށް ވުރެ ވެސް މައްޗަށް ދާނެ އެވެ.
މި ހަނގުރާމައިގައި އިޒުރޭލަށް ދިން ރައްދު ހަމަލާތަކުގައި އެ ގައުމުން މިހާތަނަށް 11 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. މީގެ ތެރޭގައި ބެއިޓް ޝެމޭޝް ސަރަހައްދަށް ދިން ހަމަލާގައި މަރުވި 9 މީހުން ހިމެނެ އެވެ.
އެމެރިކާގެ އަސްކަރިއްޔާއަށް ބަލާއިރު، އީރާނުގެ ރައްދު ހަމަލާތަކުގައި އެމެރިކާގެ 6 ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. މީގެ އިތުރުން އެމެރިކާގެ 18 ސިފައިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އާއި އެ ގައުމުގެ އަސްކަރީ އިސްވެރިންތަކެއް ވަނީ މަރުވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މި އޮޕަރޭޝަން ކުރިއަށް އޮތް ހަފުތާތަކަށް ދެމިގެންދާނެ ކަމަށެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ބެލެވެ އެވެ.
