އިންސާނާގެ ރޫޙާނީ ދިރުމާއި ނަފްސާނީ ހަމަޖެހުމަކީ އޭނާގެ ދީނީ އަދި ދުނިޔަވީ ޙަޔާތް ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންތަކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ރޫޙާނީ ގޮތުން ކުރިއަރައި ދިޔުމުގެ އަސާސަކީ "ތަޒްކިޔަތުއް ނަފްސު" ނުވަތަ ނަފްސު ތާހިރުކުރުމެވެ. މިކަން ޙާޞިލްކުރުމަށްޓަކައި އިންސާނާގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ އަމިއްލަ ނަފްސުގެ އެދުންތައް ހިފެހެއްޓުމާއި، ބޭކާރު ކަންތައްތަކުން ދުރުހެލިވުމެވެ.
ރޫޙާނީ ކުރިއެރުމަށްޓަކައި އެންމެ ފުރަތަމަ ހިފަހައްޓަންޖެހޭ ކަމަކީ ތިމާގެ ބަސްމަގެވެ. ބޭކާރު ވާހަކަދެއްކުމާއި، ދޮގާއި، ޣީބަބުނުން ފަދަ ނުބައި ސިފަތަކުން ދޫ ރައްކާތެރިކުރުމަކީ ހިތުގެ ސާފުކަން އިތުރުކޮށްދޭ ކަމެކެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މީހާގެ އިސްލާމްކަމުގެ ރީތިކަމުގެ ތެރޭގައި ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވުން ހިމެނެއެވެ. ބަސްމަގު މަދުކޮށް، ޛިކުރުކުރުމާއި ހެޔޮ ބަސް ބުނުމަށް އާދަކުރުމަކީ ރޫޙާނީ ދަރަޖަ އުފުލިގެންދާނެ ކަމެކެވެ.
ދެވަނަ ކަމަކީ ކާބޯތަކެތީގައި އިސްރާފުނުކުރުމާއި، މިންވަރު ދެނެގަނެގެން ކެއުމެވެ. އިންސާނާގެ ބަނޑު ފުރޭވަރަށްވުރެ އިތުރަށް ކެއުމަކީ ނަފްސު ކަސްތަޅުއެޅުވޭ ކަމެކެވެ. އެއީ އަޅުކަންތަކަށް ފަރުވާކުޑަވެ، ހަށިގަނޑު ކަންނެތްކުރުވާ ކަމެކެވެ. ކެއިންބުއިމުގައި މެދުމިންގަނޑެއް ހިފެހެއްޓުމަކީ ނަފްސުގެ މައްޗަށް ބާރުފޯރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މީގެ އިތުރުން، މުނިފޫހިފިލުވުމުގެ ކަންތައްތަކުގައި ހައްދުފަހަނަޅައި ނުދިއުމަކީވެސް ނަފްސު ތަރުބިއްޔަތުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިއަދުގެ ދުނިޔޭގައި ވަގުތު ބޭކާރުކުރަނިވި ކަންތައްތައް ގިނަވެފައިވާއިރު، އާޚިރަތަށް ފައިދާއެއް ނެތް ކަންކަމުން ނަފްސު އެއްކިބާކުރުމަކީ ރޫޙާނީ ކުރިއެރުމަށް އެޅޭ ބޮޑު ފިޔަވަޅެކެވެ. ހަމައެހެންމެ، ބޮޑާކަމާއި ކިބުރުވެރިކަމުން ދުރުހެލިވެ، މަޑުމޮޅިކަމާއި ތަވާޟުޢުވެރިކަން އިޚްތިޔާރުކުރުމަކީ ނަފްސުގެ ޢައިބުތައް ފިލުވައިދޭނެ ކަމެކެވެ. ފޮަނިކެނޑުމާއި ދެއްކުންތެރިކަމަކީ ރޫޙާނީ ދިރުން ނައްތާލާ ކަންކަމެވެ.
ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ނަފްސު ތާހިރުކުރާ މީހާގެ ކާމިޔާބީގެ ވާހަކަ ބަޔާންކުރައްވާފައެވެ. ސޫރަތުއްޝަމްސިގެ 9 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:"قَدْ أَفْلَحَ مَن زَكَّاهَا"މާނައީ: "އެ ނަފްސު ތާހިރުކުރި މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ."
ރޫޙާނީ ކުރިއެރުމަކީ ހަމައެކަނި ދުލުން ކިޔާލާ ޒިކުރަކުން ލިބޭ އެއްޗެއް ނޫނެވެ. އެއީ ތިމާގެ ކެއިންބުއިމާއި، ބަސްމަގާއި، މުނިފޫހިފިލުވުމާއި، އަދި އަޚްލާޤީ ސިފަތަކަށް ގެނެވޭ ހެޔޮ ބަދަލުތަކެއްގެ ނަތީޖާއެވެ. ނަފްސުގެ އެދުންތަކަށް ނޫނެކޭ ބުނެ، ﷲ ރުއްސަވާ މަގަށް ނަފްސު ހާނުވައިފި މީހަކަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ.
